ގާސިމް އިބްރާހިމް

މެންބަރުންގެ އަދަދު ހިފަހައްޓަންޖެހޭ، މުސާރަ ކުޑަކުރަން ތާއީދެއް ނޫން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އެއް މިންވަރެއްގައި ހިފަހައްޓަންޖެހޭ ކަމަށާއި ނަމަވެސް މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރުމަށް ތާއީދުނުކުރައްވާ ކަމަށް މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ގާސިމް މިއަދު ވިދާޅުވީ މަޖިލީހުގެ އަދަދު އިތުރުވަމުން ދިއުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގާސިމް އިބްރާހީމް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހެޅުއްވި އެވެ. ނަމަވެސް އޭރު ސުޕަމެޖޯރިޓީ އޮތް އެމްޑީޕީން އެ ބިލް ބޭރުކޮށްލާފައިވާކަން ގާސިމް ފާހަގަކުރެއްވި އެވެ.

ގާސިމް ވިދާޅުވީ މެންބަރުންގެ އަދަދު ކަނޑައަޅާނެ ގޮތެއް ބަހުސްކޮށްގެން ނިންމޭނެ ކަމަށެވެ. ނަމަވެސް މުސާރަ އާއި އިނާޔަތް ކުޑަކުރަން ނުފެންނަ ކަމަށް ވިދާޅުވި އެވެ.

"މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައިގެ އަދަދު ކުޑަކުރަންވެސް ނުފެންނަ ކަމަށް އަދި އިނާޔަތެއްވެސް ކުޑަކުރަން ނުފެންނަ ކަމަށް އަޅުގަނޑު ދަންނަވަން،" ގާސިމް ވިދާޅުވި އެވެ.

ސަބަބެއްގެ ގޮތުގައި ގާސިމް ފާހަގަކުރެއްވީ މެންބަރުންނަށް ލިބިވަޑައިގަންނަވާ ލިވިންގް އެލަވަންސް އިން އެ ހަރަދު ހަމަނުޖެއްސުމެވެ.

މަޖިލީހުގެ މެންބަރުންނަށް ދެ ދައުރު ދިނުމަށް ބިލްގެ ބަހުސްގައި ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވާތީ އެކަމަށް ރައްދު ދެއްވާ ގާސިމް ވަނީ އެ ގޮތަށް ދައުރުގެ އަދަދު ކަނޑައެޅުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ގާސިމް ވިދާޅުވީ ގައުމުގެ އިގުތިސާދު މި ދަތި ހާލަތަށް ވެއްޓުނީ މި ސަރުކާރުގެ ސަބަބުން ނޫން ކަމަށެވެ. އަދި އާސަންދަ ހައްގުވާ މީހުންގެ ވާހަކަ ދައްކާއިރު އާސަންދަ ހައްގު ނުވަނީ ކާކައްތޯ ގާސިމް ވަނީ ސުވާލު އުފައްދަވާފަ އެވެ.

"އެންމެ ގިނައިން ސަރުކާރަށް ޓެކްސް ދައްކާ މީހާތޯ ހައްގުނުވަނީ ދައުލަތުން އެހީތެރިކަމާއި އިނާޔަތެއް ލިބެން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ޕްރޮގްރާމަށް ނުވަދެ އަމިއްލަ ފައިމައްޗަށް ތެދުވަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"މިއަދު އަޅުގަނޑުމެން އެބަޖެހޭ ހިތި ބޭސް ބޮއެގެން ނަމަވެސް ގައުމު މާދަމާ އައިއެމްއެފް ޕްރޮގްރާމް ތެރެއަށް ނުވަދެ އަޅުގަނޑުމެން އަމިއްލަ ފައި މައްޗަށް ތެދުވަން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން އަޅުގަނޑު އެއްބަސް،" ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން ގާސިމް ވަނީ ސަރުކާރަށް ގެއްލުންވާ ސަރުކާރުގެ ކުންފުނިތައް އުވާލުމަށް ގޮވާލައްވާފަ އެވެ. އަދި ދައުލަތުގެ ހަރަދުގައި ހޭދަކޮށްގެން ގެއްލުންވާ ތަންތަން އުފައްދަން ނުޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ގާސިމް ވަނީ ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.