ފިނޭންސް މިނިސްޓްރީ

ހުވަދު އަތޮޅުގެ 9 ރަށަކަށް ސޯލާއިން ކަރަންޓު ދޭ މަޝްރޫއުއެއް އިއުލާންކޮށް

ގއ. އަތޮޅުގެ ހަތް ރަށަކާއި ގދ. އަތޮޅުގެ ދެ ރަށެއްގައި ގްރިޑް-ޓައިޓް ސޯލާ ޕީވީ-ޑީސަލް ހައިބްރިޑް ޕަވާ ޖެނެރޭޝަން ޕްލާންޓްތަކެއް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލް ކުރުމަށް ކުންފުންޏެއް ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަޝްރޫއަކީ ދިވެހި ސަރުކާރުން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކު (އީއައިބީ)ގެ އެހީގައި ހިންގަމުންދާ ޕްރިފެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށެވެ.

މިއީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ބޭނުމަށް އޯޕަން ކޮމްޕެނީ ބިޑިން (އޯސީބީ) އުސޫލުގެ މަތިން ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ފާއިތުވި ތިން އަހަރު ކުންފުނީގެ މާލީ ތަނަސްކަމުގެ ގޮތުގައި އެވްރެޖްކޮށް ހަ މިލިއަނެއްހާ އެމެރިކާގެ ޑޮލަރު ލިބިފައިވާ ކުންފުނިތަކަށެވެ. މީގެއިތުރުން މިމަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި މިބާވަތުގެ މަސައްކަތް ކޮށްފައިވުމާއެކު އަދި އެ ކުންފުންޏަކުން ކޮށްފައިވާ ކޮންމެ މަސައްކަތެއްގެ އަގު މަދުވެގެން 3.2 އެމެރިކާ ޑޮލަރުގައި ހުންނަންޖެހޭނެ ކަމަށްވެސް ޝަރުތުތަކުގައިވެ އެވެ/.

ފިނޭންސް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވަނީ މިމަޝްރޫއުގެ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ޓަކައި 1،500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަން-ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.

މި މަޝްރޫއުގެ މައުލޫމާތު ދިނުމަށް މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 11:00ގައި އޮންލައިންކޮށް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. ބީލަން ހުށަހެޅުމާއި ހުޅުވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮގަސްޓް 18 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.