ސައުދީ އަރަބިއްޔާ އިން ތެލާއި ގޭހުގެ ބޮޑު ހަތް ރިޒާވް މުޅިން އަލަށް ފެނިފައިވާ ކަމަށް އެގައުމުގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓު ކޮށްފި އެވެ.
ސައުދި އަރަބިއްޔާގެ ހަކަތައިގެ މިނިސްޓަރު ޕްރިންސް އަބްދުލް އަޒީޒް ބިން ސަލްމާން ވަނީ ތެލާއި ގުދުރަތީ ގޭހުގެ ބޮޑު ރިޒާވްއެއް އިއްޔެގެ ވަގުތެއްގައި ފެނިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މި ރިޒާވްތަކުގެ އަގު އެތައް ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ. މިއީ ސައުދި އަރަބިއްޔާ އިން މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑު ރިޒާވް ކަމަށްވެސް ބައެއް މީޑިއާ ތަކުގައި ރިޕޯޓުތަކުގައި ފާހާގަކޮށްފައިވެ އެެވެ.
މިވަގުތު ސައުދީ އަރަބިއްޔާ އަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ އަދަދަކަށް ތެޔޮ އުފައްދައި ބޭރުކުރާ ގައުމެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ގޭސް އުފައްދާ ގައުމެވެ.
ސައުދީ އަރަބިއްޔާ އަކީ ރަޝީއާ ނެގުމަށްފަހު ތެލާއި ގުދުރަތީ ގޭހުގެ އެންމެ ބޮޑު ރިޒާވް ވެސް އޮންނަ ގައުމެވެ.
ސައުދީ އަރަބިއްޔާގެ ތެލުގެ މުއްސަނދިކަމުގެ ސަބަބުން އެ ގައުމަކީ މިއަދު ދުނިޔޭގެ އިގްތިސާދީ ބޮޑު ބާރެކެވެ.
މިދިޔަ އަހަރު އެކަނިވެސް ސައުދި އަރަބިއްޔާ އިން ވަނީ 240 ބިލިއަން އެމެރިކާ ޑޮލަރުގެ ތެޔޮ އުފައްދައި ބޭރުކޮށްފަ އެވެ. އެގައުމުގެ އާމްދަނީގެ 75 ޕަސަންޓް ހިއްސާ އަކީ ވެސް ތެޔޮ ވިއްކައިގެން ހޯދާ އާމްދަނީ އެވެ.
އެހެންނަމަވެސް މިހާރު ސައުދީ އިން އަންނަނީ ތެލަށް ބާރޯސާވުން ކުޑަކުރުމަށް ތަފާތު ބޮޑެތި ޕްރޮޖެކްޓް ތަކަށް އެތައް ބިލިއަން އެމެރިކާ ޑޮލަރެއް ހޭދަކުރަމުންނެވެ. އެގައުމުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ރެޑްސީ ޕްރޮޖެކްޓް ފަދަ ޕްރޮޖެކްޓްތައް ވެސް ވަނީ ފަށާފަ އެވެ.