ރައްޔިތުންގެ މަޖިލިސް

ސައިބަކްރައިމްއާ ގުޅޭ އަމަލުތައް ގާނޫނުލްއުގޫބާތުގައި ހިމަނަން އިސްލާހެއް

ސައިބަކްރައިމްއާ ގުޅުންހުރި އަމަލުތައް އެއީ ކުށް ކަމުގައި ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަން ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ބިލް މަޖިލީހަށް ތައާރަފުކުރުމެވެ.

ސައިބާ ކްރައިމްއާ ގުޅޭ ގިނަ ކަންތައްތަކެއް ބިލްގައި ހިމަނަން ވަނީ ހުށަހަޅާފަ އެވެ.

ބިލުގައި ކަނޑައަޅަން ހުށަހެޅި ކަންކަން

  • ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން
  • އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން
  • ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަސެޕްޓްކުރުން
  • ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަފިއާކުރުން
  • ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އިންޓަފިއާކުރުން
  • ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުންކުރުން
  • ސައިބާވަޔަލަންސްގެ އަމަލުތައް
  • ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތައް
  • ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް
  • ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް

ބިލްގައިވާ ގޮތުން ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުމަކީ ކުށެކެވެ.

އެ ގޮތުން ކޮމްޕިއުޓަކަށް، ޕްރޮގްރާމަކަށް، ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ވަކި ބަޔަކަށް އެކްސެސް ހޯދުމަށްޓަކައި ނުވަތަ އެކްސެސްވުމަށް މަގުފަހިކުރުމަށްޓަކައި ކޮމްޕިއުޓާ ސިސްޓަމަކުން އެއްވެސް ބާވަތެއްގެ ފަންގްޝަނެއް ހިންގުމަށް ވަގުތީ ގޮތުން ނުވަތަ އެ ނޫންވެސް ގޮތަކުން ވިޔަސް މެދުވެރިކުރުވުމަކީ ކުށެއް ކަމަށް ބުނެފައިވެ އެވެ.

އެ އަމަލު ހިންގާފައިވަނީ އެ ކޮމްޕިއުޓަރަށް، ޕްރޮގްރާމަށް ނުވަތަ ޑޭޓާއަށް އެކްސެސްވުމުގެ ހުއްދަ އޭނާއަށް ލިބިފައިނެތް ހާލަތުގައި އެކަން އެނގިހުރެ، އެ އެކްސެސް ހޯދުމުގެ ނިޔަތުގައި ކަމުގައިވާ ނަމަވެސް އެއީ ކުށެއް ކަމަށް ބިލްގައި ބުނެފައިވެ އެވެ.

މި ބިލްގައި ކުށްތައް ވަނީ ދަރަޖަކޮށްފަ އެވެ.