ފައްޔާޒް އިސްމާއީލް

މައްސަލަ ބޭރުކުރީ ވައުދާ ހިލާފަށް މަގާމު އިތުރުކޮށްފައިވާތީ: ފައްޔާޒު

ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލީ ރިޔާސީ އިންތިހާބުގައިވީ ވައުދާ ހިލާފަށް ސިޔާސީ މަގާމުތަކުގެ އަދަދު އިތުރުކޮށްފައިވާތީ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުމަށް މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަަސީމު އެވެ.

މި މައްސަލައަށް މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން 56 މެންބަރުން ވަނީ މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ.

އެމްޑީޕީގެ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައި ތިބި މީހުންގެ އަދަދު މިސަރުކާރުން ވަންހަނާކުރާތީ އެ މައުލޫމާތު ހޯދުމަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލީ ރިޔާސީ އިންތިހާބުގައިވީ ވައުދާ ހިލާފަށް ސިޔާސީ މަގާމުތަކުގެ އަދަދު އިތުރުވެ ދައުލަތުގެ ހަރަދު ނުތަކާ ވަރަށް ގޮސްފައިވާތީ ކަމަށެވެ.

"ގައުމުގެ އިގްތިސާދު މިދާ މިސްރާބަކީ އިގުތިސާދު މެނޭޖުކުރަން މިސަރުކާރަށް ނޭނގި ރައްޔިތުންނަށް ކަންކަން އޮޅުވާލާ ދޮގު ހެދުމުގެ ސަބަބުން ކުރިމަތިވާ ކަމެއް. ހާމަނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވައުދުވީ،" ރައީސް މުއިއްޒުގެ ބައެއް ވައުދުތައް ހަނދާންކޮށްދެއްވަމުން ފައްޔާޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުވާނެ ކަމަށް ވައުދުވެވަޑައިގަތުމަށްފަހު އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިސަރުކާރުގައި 2،000 އާ ގާތް ކުރާ އަދަދަކަށް ސިޔާސީ މަގާމު އުފައްދައިފި އެވެ.