އެކްސިޑެންޓް

ހުޅުމާލޭގައި ހިނގި ދެ އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި ދެ އެކްސިޑެންޓެއްގައި އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ޓަވަރު ފަހެއް ކައިރިންނެވެ.

ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓްގައި އެ ސައިކަލް ކޮންޓްރޯލް ނުވެ ގޮސް އެހެން ކާރެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:13 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައިމި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

"އެއީ 19 އަހަރުގެ ދިވެހި ފިރިހެނެއް. އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެއީ ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް މީހެކެވެ.

މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހި އާހިޔާގޮފި ކައިރީގައި ދެ ސައިކަލް ޖެހި އެކްސިޑެންޓް ހިނގާފައިވާކަމުގެ ރިޕޯޓް މިއަދު ހެނދުނު 9:45 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ދުއްވި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި އެތަނުން އެއް ސައިކަލް ދުއްވީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށާއި އަނެއް ސައިކަލް ދުއްވީ އުމުރުން 33 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ދަނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.