ސުޕްރީމް ކޯޓް

ސުއޫދުގެ ވިސްނުންފުޅުގައި "ވާނުވާ"އަށް ހައްލު އެބައޮތް

ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ ޖަލުގެ ބަހުރުވައިންނަމަ "ވާނުވާ" ބަންދާ ގުޅިގެން އުފެދިފައިވާ މައްސަލަ އާއި ކޯޓުތަކުގެ ޝަރީއަތްތައް ލަސްވުމުގެ މައްސަލައަކީ އެތައް ދުވަހެއް ވަންދެއް އެކަމުގެ ވާހަކަ ދެކެވި އެކަމުގައި އަލި މަގެއް ނުފެނި އޮތް ކަމެކެވެ.

ކްރިމިނަލް ކޯޓުން ދެކޭ ގޮތުގައި އެ ކޯޓުގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުން އަދި ވަސީލަތްތައް މަދުވުމަކީ ޝަރީއަތްތައް ލަސްވާން މެދުވެރިވާ މައިގަނޑު ސަބަބެވެ. އެކަން ކަމަށް ހައްލު ހޯދަން ޖާގަ ތަނަވަސް އިމާރާތަކާ އެހެނިހެން ވަސީލަތްތައް އިތުރުވާން ޖެހޭނެ ކަމަށް ކޯޓުން ދެކެ އެވެ.

"ވާނުވާ" ބަންދާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ "ވާނުވާ" އަކީ ރަނގަޅު މަފްހޫމެއް ނޫން ކަމަށެވެ. އަދި މިހާރަކު ވާނުވާ ބަންދެއް ނޯންނާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކޮންމެ ޝަރީއަތެއްވެސް ނިންމަން ޖެހޭ ތާވަލު ހަދަން ޖެހޭ ކަމަށާއި ޝަރީއަތް އެ ތާވަލާ އެއްގޮތަށް ހިންގަން ޖެހޭތީ ކޮންމެ މީހަކަށްވެސް އެ މީހެއްގެ ޝަރީއަތް ހިނގާނެ ގޮތާއި ނިމޭނެ ތާރީހު އަންދާޒާ ކުރެވޭނެ ކަމަށެވެ. އެކަމަކު ޝަރީއަތް ނިމެންދެން ބަންދު ކުރުން ނުވަތަ "ވާނުވާ ބަންދު" އުވައިލުމަށް ގޮވާލައި އިހަށް ދުވަހުވެސް މުޒާހަރާ ކޮށްފައިވެ އެވެ.

މިކަން ހައްލު ކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ހިޔާލުތަކެއް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާ އަދި ކުރިން ބަންޑާރަނާއިބްކަމާއި ހާއްސަ މަޖިލީހުގެ މެންބަރު ކަންވެސް ކުރައްވާފައިވާ ސުއޫދު ވިދާޅުވީ ފަނޑިޔާރުން އަމަލުކުރައްވާ ގޮތުންނާއި ގާނޫނުތަކަށް ގެންނަ ބަދަލަކުން ޝަރީއަތްތައް ވަރަށް ބޮޑަށް އަވަސް ކުރެވޭނެ ކަމަށެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ކޯޓުގެ ޖާގަ އާއި ވަސީލަތްތައް ނެތުމުގެ ސަބަބުން ޝަރީއަތްތައް ލަސްވާ ލަސްވުމަކީ މައްސަލައިގެ 50 ޕަސެންޓެވެ. ފަނޑިޔާރުން އަމަލުކުރައްވާ ގޮތުންނާއި ގާނޫނުތަކަށް ގެންނަ ބަދަލަކުން ޝަރީއަތްތައް ވަރަށް ބޮޑަށް އަވަސް ކުރެވޭނެ ކަމަށް ސުއޫދު ދެކެވަޑައިގަންނަވަ އެވެ.

"ހަމައެކަނި މުވައްޒަފުންނާއި ތަން ލިބުނަކަސް ނުވާނެ. މިހާރު މައްސަލަތައް ބަލާ ގޮތަކީ އެކި ދުވަސްތަކުގެ މައްޗަށް ބަހާލައިގެން. މިސާލަކަށް މިއަދު އަޑުއެހުމެއް އޮތިއްޔާ ދެން ހަ މަސް ފަހުން އޮވެދާނެ. އޭގެ ބަދަލުގައި ކޮންޓިނިއަސް ޓްރައިލްއެއް އޮންނަ ގޮތަށް ބަދަލު ކުރެވިއްޖިއްޔާ ހާއްސަކޮށް ބޮޑެތި މައްސަލަތަކުގައި ވާނުވާގައި މި ތިބެނީ ބޮޑެތި މައްސަލަތަކުގެ މީހުން. އެއީ ގެނެވިދާނެ ބަދަލެއް،" ސުއޫދު ވިދާޅުވި އެވެ.

އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ގާނޫނަކާއި، ނުހައްގުން ޖަލުގައި ބަންދުކުރާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދެވޭނެ ގާނޫނެއް އެކުލަވާލުމުކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.