އެފްއޭއެމް

އެފްއޭއެމްގެ މައްޗަށް ހަފްތާއެއް ތެރޭގައި ތިންވަނަ ހުކުމް

ވެމްކޯއިން ކުނި އުކުވާފައި، އެ ކުންފުންޏަށް ފައިސާ ނުދައްކައިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައްޗަށް ހުކުމެއް ކޮށްފި އެވެ.

ވެމްކޯއިން، ވިލިމާލޭގައި ހުންނަ އެފްއޭއެމްގެ ދަނޑުގެ ކުނި އުކައިގެން އެ ކުންފުންޏަށް ދައްކަން ޖެހޭ 39،108 ރުފިޔާ ނުދައްކައިގެން އެ މައްސަލައިގައި ވެމްކޯއިން ދައުވާ ކުރުމުން ހުކުމް ކުރީ މިއަދު އެވެ.

މި ހުކުމް ސިވިލް ކޯޓުގެ އިސް ގާޒީ މަރްޔަމް ވަހީދު ކުރީ އެފްއޭއެމްގެ ޣައިރު ހާޒިރު ގައެވެ.

މި ހުކުމުގައިވަނީ 10 ޖުލައިގެ ކުރިން ވެމްކޯއަށް ދައްކަން ޖެހޭ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ. މިއީ ހަފްތާއެއްގެ ތެރޭ އެފްއޭއެމްގެ މައްޗަށް ކުރި ތިންވަނަ ހުކުމެވެ.

އެފްއޭއެމުން އަމިއްލަ މީހެއްގެ އަތުން ނެގި 20،000 ޑޮލަރު އަނބުރާ ނުދީގެން އެ ފައިސާ 10 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް މިދިޔަ ހޯމަ ދުވަހުވެސް ސިވިލް ކޯޓުން ހުކުމެއް ކޮށްފައިވެ އެވެ. އަދި އެފްއޭއެމް އިން އަމިއްލަ ކުންފުންޏަކުން ނެގި ބައިލައްކަ ޑޮލަރު ނުދައްކައިގެން މިދިޔަ އާދިއްތަ ދުވަހުވެސް ހުކުމެއް ކޮށްފައިވެ އެވެ. މި ހުރިހާ ހުކުމެއްވެސް ކޮށްފައިވަނީ އެފްއޭއެމުން މީހަކު ކޯޓަށް ހާޒިރު ނުވެގެން އެ އިދާރާގެ ޣައިރު ހާޒިރުގައެވެ. ޑޮލަރާ ގުޅޭ ހުކުމްތަކަކީ ޗެކް ބައުންސް މައްސަލަތަކެވެ.

އެފްއޭއެމްގެ މައްޗަށް އެތައް ހުކުމެއް އައިސްފައިވާއިރު އެ އިދާރާގެ ރައީސްކަމުގެ މަގާމުގައި ހުރި ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ޖިނާއީ ދައުވާތަކެއްވެސް ކޯޓުގައި ކުރިއަށް އެބަދެ އެވެ. އެފްއޭއެމްގެ ފައިސާއަށް ބައްސާމް ހިޔާނަތްތެރިވެފައިވާ ކަމުގެ މައްސަލަތަކެއް ކޯޓުގައި ކުރިއަށް ދަނިކޮށް ފީފާއިން ވަނީ ބައްސާމް ސަސްޕެންޑްވެސް ކޮށްފަ އެވެ.