ދުނިޔެ

ރަޝިއާގެ އަސްކަރިއްޔާއިން އިންޑިއާ މީހުން ދޫކޮށްދިނުމަށް މޯދީ އެދިވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރަޝިއާއަށް ވަޑައިގަންނަވާނެ އެވެ.

މިއީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި، ވިޔަފާރި އަދި ސަލާމަތާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޮޑުވަޒީރު ކުރައްވާ ދަތުރެއްކަން އޮތީ އެނގިފަ އެވެ.

މި ދަތުރުގައި މޯދީ ރަޝިއާގައި ދެ ދުވަސް -- ޖުލައި 8-9 ހޭދަކުރައްވާނެ އެވެ. މޯދީ އެންމެ ފަހުން ރަޝިއާއަށް ދަތުރެއް ކުރެއްވީ 2019 ގައެވެ.

ބޮޑުވަޒީރު މޯދީ ރަޝިއާއަށް ވަޑައިގެން އެ ގައުމުގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައްވައި ވަރަށް މުހިއްމު ކަމަކަށް އެދިވަޑައިގަންނަވާނެ އެވެ. އެއީ ކޮންޓްރެކްޓަށް ރަޝިއާއަށް ގޮސް ތިބި އިންޑިއާ މީހުން ދޫކޮށްދެއްވުމަށް އެދިވަޑައިގަތުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާ ސިފައިންނާ އެކު ޔުކްރޭންގައި ހަނގުރާމަކުރަން ގޮސް ތިބި އިންޑިއާ މީހުންގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ހަނގުރާމައިގައި މަރުވެފަ އެވެ. މި މީހުން ރަޝިއާއަށް ގެންގޮސްފައި ތިބީ އޮޅުވާލައިގެން -- ގިނަ ފައިސާ ލިބޭނެ ކަމަށް ބުނެ އެވެ.

ޔުކްރޭން ހަނގުރާމަ ރަޝިއާއަށް ކާމިޔާބުވުމަށްފަހު ރަޝިއާއިން ވަޒީފާ ލިބޭނެ ކަމަށާއި ގެދޮރު ހޯދައިދިނުމަކީ ވެސް އޮޅުވާލުމަށް ދައްކާފައި ހުރި ވާހަކަތަކެވެ.

އިންޑިއާގެ އިދާރާތަކުން ބުނާ ގޮތުން ރަޝިއާ ސިފައިންނާ އެކު އިންޑިއާގެ 30-40 މީހުން މިހާރުވެސް އެބަ ހަނގުރާމަކުރެ އެވެ. މިއީ ފައިސާގެ ބޭނުމުގައި ކުރި ނަމަވެސް ވަރަށް ނުރައްކާތެރި ވިޔަފާރިއެއް ކަމަށް އިދާރާތަކުން ބުންޏެވެ.

ބޭރު ގައުމުތަކުގެ ކުލީ ސިފައިން ޔުކްރޭން ސިފައިންނާ އެކު ހަނގުރާމަކުރާ ވާހަކަ އަކީ ވެސް ގަދަ އަޑެކެވެ. މިއީ ޔުކްރޭނުން އަދި ރަޝިއާއިން ވެސް ވާހަކަ ދައްކާ މައުލޫއެއް ނޫނެވެ.

އިންޑިއާގައި ތަމްރީންކޮށްގެން ރަޝިއާއަށް ސިފައިން ފޮނުވާ ގުރޫޕްތަކުން މިކަމުން ވަރަށް ބޮޑު ފައިދާއެއް ނަގާ ކަމަށް ހަބަރުތައް ބުނެ އެވެ.

އިންޑިއާއެކޭ އެއްފަދައިން ލަންކާއަށް ވެސް ވަނީ މި ނުރައްކާ ކުރިމަތިވެފަ އެވެ.

ލަންކާގެ އިދާރާތަކުން ބުނާ ގޮތުން ޔުކްރޭން ހަނގުރާމައިގައި އެ ގައުމުގެ މީހުން، ކުލީ ސިފައިންގެ ގޮތުގައި ބައިވެރިވާ ވާހަކަ އަކީ ތެދެކެވެ.

ރަޝިއާ އާއި ޔުކްރޭންގެ އިދާރާތަކާ ގުޅިގެން ލަންކާ މިހުން ގައުމަށް ގެންދިއުމަށް އެ ގައުމުގެ އިދާރާތަކުން ވަނީ ރަޝިއާ އަދި ޔުކްރޭންގެ ވެރިންނާ ބައްދަލުކޮށްފަ އެވެ. އެކަމަކު އަދި މައްސަލަ ހައްލުވާ ގޮތެއް ނުވެ އެވެ.