ސްޓެލްކޯ

ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާ ނިންމާލައިފި

ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާ ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

"ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ސްޓޭޝަން މެނޭޖާސް" ގެ ނަމުގައި މިދިޔަ ޖޫން މަހުގެ 30 އިން މިމަހުގެ ހަތަރު ވަނަ ދުވަހަށް ޖުމްލަ ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި 33 ރަށަކުން ސްޓޭޝަން މެނޭޖަރުން ބައިވެރިވި ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

މި މަހާސިންތާގައި ވަނީ ސްޓެލްކޯގެ އިންޖީނުގެތައް ހިންގުމުގެ އިންތިޒާމުތައް އެއްހަމަ ކުރުމަށް އެކުލަވާލާފައިވާ "ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް" އިފްތިތާހުކޮށްފަ އެވެ. 351 ސަފުހާގެ މައްޗަށް އެކުލެވޭ މި ފޮތް އިފްތިތާހު ކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.

މި ފޮތުގައި ކުންފުނީގެ ހިދުމަތުގެ ތާރީޙާއި، ތަސައްވުރާއި، އަމާޒުގެ އިތުރުން، އިންޖީނުގެތަކުގެ އޮނިގަނޑާއި، އިންޖީނުގެތަކުގެ މަސައްކަތްތަކާއި، ކުންފުނީގެ އެކި ދާއިރާތަކުގެ އޮނިގަނޑުގެ އިތުރުންވެސް ކުންފުންޏާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމަނާފައިވެ އެވެ.

ސްޓޭޝަން މެނޭޖަރުންގެ މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދެއްކެވި ވާހަކައިގައި ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދީ އެ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ހުރިހާ މުވައްޒަފުންގެ ފިކުރަކީވެސް ގައުމީ އެއް ފިކުރަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ކުންފުނީގެ ހަރަދުތައް ކުޑަކުރުމާއިއެކު، ކުންފުނީގެ ދުވެލި ބާރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ސްޓެލްކޯއަކީ ވަސީލަތްތަކާއި، މެނޭޖްމަންޓާއި މުވައްޒަފުންގެ ތައުލީމާއި، ގާބިލް ކަމަށް ބަލައި، ރާއްޖޭގެ އެއްވަނަ ކުންފުނީގެ މަގާމަށް އެރިދާނެ ކުންފުންޏެއް ކަމަށާއި ކުންފުނީގެ ހުރިހާ ސްޓޭޝަން މެނޭޖަރުންވެސް މި ހިންގުނު ޑެވެލޮޕްމަންޓް ޕްރޮގްރާމުން ދަސްވި އެއްޗެއްގެ ބޭނުން ހިފައިގެން އެމަގަށް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަބަދުވެސް މުވައްޒަފުންގެ އަގު ވަޒަން ކުރުމަށާއި، އެމުވައްޒަފުންނާއި ގާތް ގުޅުމެއް ބޭއްވުމުގެ އިތުރުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް އަބަދުވެސް ދިނުމުގެ ރޫހު އާލާކުރެއްވިއްޖެ ނަމަ މިހާރަށްވުރެ ކުރިއަރައިދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

"ކުންފުންޏަށް ބަދަލު ގެންނަންޖެހޭ ވަގުތު އަތުވެއްޖެ. އެ ބަދަލަކީ މިއައްވުރެ ބޮޑު ކުރިއެރުންތަކެއް ހޯދުން. އެ ކުރިއެރުންތައް ހޯދޭނެ. އަޅުގަނޑު މިހިރީ ހޯދައިދޭން ތިބޭފުޅުންނާއިއެކު މަސައްކަތް ކުރަން. އަޅުގަނޑު މަސައްކަތް ކުރާނީ ތިހުރިހާ ބޭފުޅުން ގޮވައިގެން. އެހެންވީމަ އެ ބަދަލު ގެނައުމުގެ ރޫހުގަ. އެ ބަދަލު ގެނައުމުގެ ވިސްނުމުގައި އަޅުގަނޑުމެން މި ބައްދަލުވުން ނިންމާލަން ވާނީ. އެ ބަދަލުތައް ފެންނަންވާނެ މުސްތަގުބަލުގައި. އަޅުގަނޑު ޔަގީންކުރަނީ، އުމްމީދު ކުރަނީ ކުންފުންޏަށް ބަދަލު އަންނަތަން ދުރުނޫން މުސްތަގުބަލެއްގައި ފެނިގެންދާނެ ކަމަށް،" ފަހުމީ ވިދާޅުވި އެވެ.

މި މަހާސިންތާގައި ވަނީ ލީޑާޝިޕް ސްކިލްސް ދަސްކޮށްދިނުމުގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުން ހަކަތަ ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމާއި ގުޅޭގޮތުންނާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުވާލައި، އެ ދަތިތައް ހައްލުކޮށް ހިދުމަތް ފުރިހަމަކަމާއިއެކު އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކޮށްފަ އެވެ.