ކްރިމިނަލް ކޯޓް

މިއަދުވެސް ތިން މީހުންނަށް "ވާނުވާ" ބަންދު ޖަހައިފި

ތިން މީހުންނަށް މިއަދުވެސް "ވާނުވާ" ބަންދު ޖަހައިފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު "ވާނުވާ" ބަންދު ނުވަތަ ޝަރީއަތް ނިމެންދެން ބަންދު ކުރި ތިން މީހުންނަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ޖެހުން އަދި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތުގައި ބަންދުކުރި ބައެކެވެ.

މިއަދު "ވާނުވާ" ބަންދަށް ޖެހި އެކަކީ އުމުރުން 23 އަހަރުގެ ޒުވާން ފިރިހެނެކެވެ. އޭނާ އަކީ ބަންދު ރެކޯޑެއް ކުރިންވެސް އޮތް މީހެކެވެ. އޭނާ ވަނީ ދައުލަތުން ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

"ވާނުވާ" ބަންދަށްލީ މިއަދު ގެންދިޔަ ދެވަނަ މީހަކީ 21 އަހަރުގެ ދިވެހި ޒުވާން ފިރިހެނެކެވެ. އޭނާވެސް ތުހުމަތުތަކަށް އިންކާރުކޮށްފައިވާކަން ބަންދު އަމުރު ރިޕޯޓުން އެނގެ އެވެ.

މިއަދު "ވާނުވާ" ބަންދަށްލީ ތިންވަނަ މީހަކީ އުމުރުން އެންމެ 18 އަހަރުގެ ކުއްޖެކެވެ. އޭނާގެވެސް ހައްޔަރު ރެކޯޑެއް އޮތްއިރު، އޭނާވެސް ވަނީ ތުހުމަތު ކުރެވުނު ކުށަށް އިންކާރުކޮށްފަ އެވެ.

ވާނުވާ ބަންދަށް މިއަދު ގެންދިޔަ ތިން މީހުންވެސް ބަންދުކޮށްފައިވަނީ އެއް މައްސަލައެއް ގައެވެ. ތިން މީހުންވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކުރީ ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު އެވެ.