އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް މަގާމުން ވަކިކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމް އެ މަގާމުން ވަކިކޮށްފި އެވެ.

ބައްސާމުގެ އިތުރުން އެމްއެމްޕީއާރްސީގައި ގިނަ ދުވަސްތަކަކު މަސައްކަތް ކޮށްފައިވާ އެ ކުންފުނީގެ ކޯޕަރޭޓް އެފެއާޒްގެ ޗީފް އިބްރާހީމް އާސިމް ވެސް ވަކިކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.

މި ދެ ބޭފުޅުން މަގާމުން ވަކިކުރި ސީދާ ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ބައްސާމަށް މީގެކުރިން ވަނީ އެމްއެމްޕީއާރްސީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުވެސް ކުރެވިފަ އެވެ. އެ ތުހުމަތާ އެކު އޭނާ ދުވަސްކޮޅަކަށް ސަސްޕެންޑް ވެސް ކުރި އެވެ.

ނަމަވެސް މިސަރުކާރުގައި އެމްއެމްޕީއާރްސީގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައި ހުންނެވި ފާތިމަތު ތައުފީގު މަގާމުން ވަކިކުރުމާ ގުޅިގެން އެ މަގާމަށް ބޭފުޅަކު އައްޔަންކުރަންދެން ދުވަސްކޮޅަކަށް އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ ޒިންމާ ވެސް ބައްސާމް އަދާކުރެއްވި އެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކަށް މިހާރު ހުންނެވީ ރާއްޖޭގެ ކުރީގެ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ އިބްރާހީމް ޝިއުރީ އެވެ.