މަސްތުވާތަކެތި

100 ކިލޯގެ ޑްރަގް މައްސަލައިގައި ހިމެނޭ މީހާގެ ބަންދަށް އިތުރު 10 ދުވަސް

ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައި ހުއްޓާ މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި ހައްޔަރުކުރި އިބްރާހީމް ޒާއިދު ހަބީބުގެ ބަންދު މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓް، ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް އަދި ފޮރެންސިކް ފުލުހުން ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވަނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ.

އެ މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި މިދިޔަ ހަފްތާގަ ހައްޔަރު ކުރި ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ހަބީބުގެ ބަންދަށް އޭރު ދިން ފަސް ދުވަސް ހަމަވެގެން މިއަދު ވަނީ އިތުރު 10 ދުވަސް ބަންދަށް ޖަހާފަ އެވެ.

އިބްރާހީމް ޒާއިދު ހަބީބުއާއެކު މި ފަހަރު ޖުމްލަ ހަތަރު މީހުން ހައްޔަރު ކުރި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މީގެތެރޭގައި އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެ އެވެ. އެ ކުއްޖާ ކޯޓުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައި ކަމަށް މައުލޫމަތު ލިބިފައިވެ އެވެ. ދެން މި ފަހަރު ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު މިއަދު ވަނީ އިތުރު ކޮށްފަ އެވެ.

މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކުރި އެ ބޮޑު އޮޕަރޭޝަނުގައި އަތުލައިގަތް 100 ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިން ހިމެނެ އެވެ. އަދި އެތަކެއްޗާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި އިބްރާހީމް ޒާއިދު ހަބީބު ހިމެނޭހެން 10 މީހަކު އޭރު ހައްޔަރުކުރި އެވެ. އެއީ 2021 ވަނަ އަހަރު އެވެ. މި މައްސަލައިގައި ހިމެނޭ އެހެން މީހަކުވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވެ އެވެ.

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކުރިން ޒާއިދު ހައްޔަރުކޮށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލި އެވެ. އޭރު އިބްރާހީމް ޒާއިދު ހަބީބު ބަންދު ކުރި ނަމަވެސް އޭނާ ފަހުން ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ އެއްވެސް ހެއްކެއް ނެތުމުން ކަމަށް ބުނެ އެވެ.