ފުއާދު ތައުފީގު

ބޮޑު ދެ އިންތިހާބު އެއްކޮށްލުމަށް ތާއީދު: ފުއާދު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލހުގެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

އަވަސްއާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު އަދި އިންތިހާބުތަކަށް ހިނގާ ހަރަދަށް ބަލާއިރު ދެ އިންތިހާބު އެއްކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"އޭގެ ސަބަބުން އިންތިހާބުތަކަށް ކުރާ ހަރަދު ހަމަ ޔަގީނުންވެސް ކުޑަވާނެ. އަދި ވޯޓުލާ މީހުންގެ ނިސްބަތަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި، ރިޔާސީ އިންތިހާބުގެ ދެބުރަށް ޖުމްލަ 300 މިލިޔަނެއްހާ ރުފިޔާ ދައުލަތުން ހަރަދު ކުރާ ކަމަށެވެ. އެހެންކަމުން ދެ އިންތިހާބު އެއްކޮށްލެވިއްޖެނަމަ ބޮޑު ދެ އިންތިހާބަށް ކުރާ ހަރަދުގެ 45 އިންސައްތަ ނުވަތަ 150 މިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ އިންތިހާބެއްގައި އެންމެ މުހިއްމީ ވޯޓުލާ މީހުންގެ އަދަދު އިތުރުވުން ކަމަށެވެ. އެގޮތުން ދެ އިންތިހާބު އެއްކޮށްލައިފިނަމަ ވޯޓުލާ މީހުންގެ ނިސްބަތް 90 ޕަސެންޓް އިތުރު ވެގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ރައްޔިތުން ހޭލުންތެރި ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށްވެސް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި އިންތިހާބު އެއްކޮށްލުމުން ވޯޓުލާ މަރުކަޒު ތަކަށް ކުރަން ޖެހޭ ހޭދަ އާއި އިންތިހާބަށް އޮފިޝަލުން ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްވެސް ވަރަށް ގިނަ ފަސޭހަތައް ލިބޭނެ ކަމުގައި ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލހުގެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ފުއާދު ވިދާޅުވެފައި މިވަނީ މި ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށްފަހު ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިމަހުގެ ހަތްވަނަ ދުވަހު ވިދާޅުވެފައި ވަނިކޮށެވެ. ދެ އިންތިހާބު އެއްކޮށްލުމަކީ މިވަގުތު އެންމެ ފައިދާ ހުރި ގޮތް ކަމުގައިވިޔަސް އެކަން ކުރެވޭނީ ގާނޫނުއަސާސީ ގައިވާ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި ރައްޔިތުންގެ އަގުލަބިއްޔަތުން އެކަމަށް ތާއީދުކުރުމުންނެވެ.