އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް ގިޔާސް

އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް އަބްދުﷲ ގިޔާސް އައްޔަންކޮށްފި އެވެ.

ކުރިން މި މަގާމުގައި ހުންނެވީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހްގެ ދަރިކަނބަލުން އައިޝާ ނޫރައިން ޖަނާހް އެވެ.

އެމްއެމްޕީއާރްސީގެ ބޯޑު މެންބަރުންގެ ތެރޭގައި މައްސަލަތަކެއް އުފެދިފައި ވަނިކޮށް އައިޝާ ނޫރައިން އިސްތިއުފާ ދެއްވީ މިދިޔަ މެއި 21 ވަނަ ދުވަހު އެވެ.

އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް އަލަށް ހަވާލުވެވަޑައިގެންނެވި ގިޔާސް އަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސް އެވެ.

ގިޔާސް އަކީ ފަތުރުވެރިކަމުގައި ދާއިރާގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.

އެމްއެމްޕީއާރްސީގެ ބޯޑު މެންބަރުންގެ ތެރޭގައި މީގެކުރިން ހިޔާލުތަފާތުވުން ބޮޑުވުމާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވީ ރާއްޖޭގެ ކުރީގެ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ އިބްރާހީމް ޝިއުރީ އެވެ.