ރައީސް އަބްދުﷲ ޔާމީން

މަހާސިންތާގެ ތިން ވަނަ ބުރުގައި 350 މަނދޫބުން

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ކުރިޔަށްގެންދަން ލީޑަރުން ތައްޔާރު ކުރަން ބާއްވާ ތިންވަނަ މަހާސިންތާގައި 350 މަންދޫބުން ބައިވެރިވާނެ ކަމަށް ކެމްޕެއިނުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، އަދި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ (މުއާ) ވިދާޅުވެއްޖެ އެވެ.

ރައީސްގެ އަނބިކަބަލުން ފަސްޓް ލޭޑީ، މެޑަމް ފާތުމަތު އިބްރާހިމް ގެ އިސް ނެންގެވުމަކަށް ބާއްވަމުން މި މަހާސިންތާގެ ދެ ބުރު ބާއްވާފައިވަނީ ހއ. އާއި މ. އަތޮޅާ ދެމެދު ހުރި ރައްތަކުގެ ގޮފިތަކުގެ މަންދޫބުންނަށާއި ފ. އާއި އައްޑޫގެ ގޮފިތަކުގެ މަންދޫބުންނަށް ހާއްސަކޮށްގެނެވެ.

މިއަދު ރައީސް ޔާމިން ކެމްޕެއިން އޮފީހުގައި ނޫސްވެރިނަނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން، ކެމްޕެއިނުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މުއާ ވިދާޅުވީ މަހާސިންތާގެ ތިން ވަނަ ބުރު ބާއްވާނީ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުންނަ ޕީޕީއެމް ގޮފިތަކުގައި އުޅުއްވާ ފަރާތްތަކަށް ހާއްސަކޮށްގެން ކަމަށެވެ. އެގޮތުން މިމަހާސިންތާ ކުރިޔަށް ދާނީ މިމަހުގެ 17، 18، 19 ގައި ދަރުބާރުގޭގައި ކަމަށާއި އަދި މިހަރަކާތްތަކަށް ރައީސް ވެސް ވަޑައިގަންނަވާނެ ކަމަށް މުއާ ވިދާޅުވި އެވެ.

"މިމަހާސިންތާގެ އިފްތިތާހީ ޖަލްސާ ބުރާސްފަތިވާ 17ވަނަ ދުވަހުގެ ރޭ ބޭއްވޭނެ. އަދި މިދިޔަ ފަހަރުވެސް އަމަލު ކުރި ގޮތަށް އެޖަލްސާއަށް ފަހުގައި ދެން ޖެހިގެން އަންނަ ހުކުރާއި ހޮނިހިރު ދުވަހުގައި ވެސް މަހާސިންތާގެ ބައިވެރިން ކެމެޕެއިން ލީޑަރަކަށް ވުމުގެ ފިލާވަޅާއި ސެޝަންތަކުގައި ކުރިޔަށް ދާނެ. އެގޮތުން އަޅުގަނޑުމެން މި ބަލަނީ ގާތްގަނޑަކަށް 350 އެއްހާ މަނދޫބުން ބައިވެރިވާނެ ކަމަށް،" މުއާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުގައި ވެސް ހުންނަވާ މުއާ ވިދާޅުވީ މަހާސިންތާގެ ދެބުރު ކައިރި ކާރާގައި ބޭއްވުމަށް ފަހު ތިން ވަނަ ބުރު ލަސްވެގެން ދިޔައީ ރިޔާސީ ލޯންޗުކޮޅަށް ދިން ހަމަލާއަށް ފަހު މިފަދަ ބޮޑު މަސައްކަތެއް ކުރަން އުންދަގޫވި ކަމަށާއި އެހެން ނަމަވެސް މިމަސައްކަތް އަމިއްލަ އިސްނެންގެވުމުގެ މަތިން ކުރައްވާ މެޑަމް ފާތުންގެ އިރުޝާދާއި އެކީ އަނެއްކާވެސް ފެށީ ކަމަށެވެ.