ނުދަންނަ ނަންބަރަކުން އާންމު މީހަކަށް ގުޅާ، ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ބޭންކް އެކައުންޓުން 587،149 ރުފިޔާ ފޭރިގެންފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެންޓިސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ މި މައްސަލައިިގައި މި އަހަަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު އާންމު ފަރާތަކަށް ނުދަންނަ ނަމްބަރަކުން ގުޅާ، ފްލެޓް ލިބިފައިވާ ކަމަށް ބުނެ، އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދުމަށްފަހު މޯބައިލް ނަންބަރު އީ-ސިމް އަކަށް ބަދަލުކޮށް، އިންޓަނެޓް ބޭންކިން ކޮމްޕްރޮމައިޒްކޮށް އަދި އިންޓަނެޓް ބެންކިންގެ އެކްސެސް ހޯދާފައިވާ ކަަމަށެވެ.
މަރިޔަމް ވިދާޅުވީ މި ސްކޭމްގެ ޝިކާރައަކަށްވި މީހާގެ އަމިއްލަ އެކައުންޓުން 25،000 ރުފިޔާ ނަގާ، އޭނާގެ ބައިވެރިވުން އޮންނަ ޖަމިއްޔާގެ އެކައުންޓުން 562،149 ރުފިޔާ ނަގާފައިވާ ކަމަށެވެ. މި މައްސަލައިގައި އެކަކު ހައްޔަރުކޮށްފައިވެ އެވެ.
މައްސަލައިގެ އިތުރު ތަފްސީލު ދެމުން އެންޓިސްކޭމް ސެންޓަރުގެ ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ މި މައްސަލަަ ބީއެމްއެލްއަށް ރިޕޯޓުކޮށްފައިވާ ފޯނު ކޯލު ކުރީ ފެބްރުއަރީ 12 ވަނަ ދުވަހުގެ 14:03 ގައެވެ. އަދި ވިކްޓިމްއަށް މޯބައިލް ނަންމްބަރު ކޮމްޕްރޮމައިޒް ކޮށްފައިވާކަން އެނގިފައިވަނީ 14:53 ހާއިރު ކަމަށެވެ. އޮޓޮމޭޓޭޑް ޑިސްޓްރިބިއުޝަން ޗެނަލްތައް ހުއްޓުވިފައިވަނީ 15:53 ހާއިރުކަމަށް ވާއިރު ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައިވަނީ އެ ދުވަހުގެ 16:15 ހާއިރު ކަމަށްވެސް ވިދާޅުވި އެވެ.
ސްކޭމް ކުރި މީހުން ނެގި ފައިސާގެ ތެރެއިން ވިކްޓިމްގެ އަމިއްލަ އެކައުންޓުން 47 އިންސައްތަ ފައިސާ އަދި ޖަމިއްޔާގެ އެކައުންޓުން 42 އިންސައްތަ ސަލާމަތްކޮށްފައިވެ އެވެ. މި ފައިސާ އެކައުންޓުން ނިގުޅައިގަންނަން ހޭދަވީ އެއް ގަޑިއިރާއި 49 މިނެޓް ކަމަށް ފުލުހުން ކުރި ތަހުގީގަށް އެނގިފައިވެ އެވެ.
ޝާމް ވިދާޅުވީ މިއީ ވަރަށް ބޮޑަށް ރާވައިގެން ހިންގާފައިވާ ކުށެއް ކަމަށާއި މަނީ މިއުލްސް ނުވަތަ ސްކޭމްގައި ބައިވެރިވި ގިނަ ފަރާތްތަކަކަށް މާލީ ގޮތުން އެކި ވަރުގެ މަންފާ ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން ޖަމިއްޔާ އެކައުންޓުން ނެގި ފައިސާގެ 62 އިންސައްތަ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އޭޓީއެމްތަކުން ނަގާފައިވާ ކަމަށާއި އެ ފައިސާގެ 19 އިންސައްތަ ވަނީ ކްރިޕްޓޯ ކަރަންސީއަށް އަދި އަގުބޮޑެތި އިލެކްޓްރޯނިކްސް ގަތުމަށް ހޭދަކޮށްފައި ކަމަށް ކުރި ތަހުގީގުން އެނގިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މި ސްކޭމްގެ ތެރެއިން ހިންގާފައިވާ ޓްރާންސެކްޝަންތަކުގެ ފައިސާގެ ޓްރެއިލް ބެލުމަށްފަހު، އޭގެން ބޭނުންނުކުރި ހުރި ފައިސާގެ 18 އިންސައްތަ އެކައުންޓު ތަކުގައި ފްރީޒްކޮށްފައިވާ ކަމަށްވެސް ޝާމް މައުލޫމާތު ދީފައިވެ އެވެ.
މިމައްސަލައިގައި ފުލުުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ފުރަތަމަ މަރުހަލާ އިން ފައިސާގެ 60 އިންސައްތަ ކޭޝްއައުޓް ކުރުމަށް ހޭދަވެފައިވަނީ 10-5 މިނެޓުގެ ވަގުތެކެވެ. ފުރަތަމަ މަރުހަލާ އިން ދެވަނަ މަރުހަލާއަށް ގޮސް ފައިސާ ނެގުމަށް ހޭދަކޮށްފައިވަނީ 15-20 މިނެޓްގެ ވަގުތެވެ. ދެވަނަ މަރުހަލާ އިން ތިންވަނަ މަރުހަލާއަށް ފައިސާ ދައުރުކޮށް އެ ފައިސާ ނެގުމަށް ހޭދަކޮށްފައިވަނީ 20-30 މިނެޓްގެ ވަގުތުކޮޅެކެވެ. އަދި ހަތަރުވަނަ މަރުހަލާ އިން ފައިސާ ނެގުމަށް ހަ ގަޑިއިރު ހޭދަވެފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވެ އެވެ.
މިމައްސަލައިގައި އޭޓީއެމްތަކުން ފައިސާ ނެގުމުގެ އިތުރުން ފައިސާ ބޭނުންކޮށްގެން މުދާ ގަތުމުގައި އަށް އަތޮޅެއްގެ 36 ރަށަކުން 150 މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ހޯދިފައިވެ އެވެ.
ޝާމް ވިދާޅުވީ މި މައްސަލަ ބަލާ ތަހުގީގު ކުރުމުގައި 180 ފުލުސް އޮފިސަރުން ބައިވެރިވެފައިވާ ކަމަށާއި މިއީ މިހާ ގިނަ އަދަދަކަށް ސްކޭމްގެ މައްސަލައެއްގައި މިހާ ފުޅާ ދާއިރާއެއްގައި ތަހުގީގުގެ އެކި މަރުހަލާތަކުގައި ފުލުހުން ބައިވެރިވި ފުރަތަމަ ފަހަަރު ކަމަށެވެ.
މައްސަލައާ ގުޅިގެން 19 މީހެއް ހުއްޓުވައި ބަލައި ފާސްކޮށް، 10 މީހެއް ދިރިއުޅޭ ތަން ބަލައި ފާސްކޮށް، 42 މީހުންނަށް ސުވާލުކުރެވިފައިވާ ކަމަށް ޝާމް ވިދާޅުވި އެވެ. އަދި މައްސަލައަށް ބާރުދޭ ހެކި ހޯދުމަށް 16 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖް އެނެލައިޒްކޮށް، 29 މޯބައިލް ނަންބަރެއްގެ ސީޑީއާރް އެނެލައިޒް ކޮށްފައިވާ ކަމަށްވެސް މައުލޫމާތު ދެއްވި އެވެ.
މީގެއިތުރުން 230 ބޭންކް ސްޓޭޓްމަންޓާއި ހިފެހެެއްޓި 86 އިލެކްޓްރޯނިކް ޑިވައިސްއެއް އެނެލައިޒް ކުރަމުންދާ ކަމަށްވެސް ޝާމް ވިދާޅުވި އެވެ.
މައްސަލައާ ގުޅިގެން ކ. މާފުށީ ޖަލުގެ 16 ސެލްއެއް ބަލައި ފާސްކުރުމުގެ ތެރެއިން 21 މޯބައިލް ފޯނާއި، 10 ހެޑްސެޓާއި، ތިން ޔޫއެސްބީ ޗާޖަރާއި، އެއް ޕެންޑްރައިވްއާއި، އެކައުންޓް ނަންބަރު އަދި މޯބައިލް ނަންބަރު ލިޔެފައި ހުރި ނުވަ ނޯޓުފޮތެއްގެ އިތުރުން ދެ ސިމް ކާޑާއި އެއް މެމޮރީ ކާޑެއްވެސް ފުލުހުން ހޯދާފައިވެ އެވެ.