ރައީސް އަބްދުﷲ ޔާމީން

އިސްކަންދެނީ އަންހެނުންނަށް ހައްގު ހޯދައިދީ، ބާރުވެރިކުރަން: ރައީސް

Mar 8, 2016

ސަރުކާރުން މިއަދު އެންމެބޮޑު އިސްކަންދޭ އެއްކަމަކީ އަންހެނުންގެ ހައްގުތައް ހޯދައިދީ، އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ހިތޯބެއްގައެވެ.

އެ ހިތޯބުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އަންހެނުންނަކީ ވަރަށް ކުރިއްސުރެ ތަފާތު އެތައް ހިދުމަތްތަކެއް ދިވެހި ގައުމަށާއި މުޖުތަމައަށް ކުރަމުން އައި ބައެއް ކަމަށާއި މިއަދު އަންހެނުންގެ މަސައްކަތްތައް ވަނީ އެތައް ރޮނގަކުން އިތުރުވެ، ފުޅާވެފައި ކަމަށެވެ. އެހެންކަމުން، ގައުމު ބިނާކޮށް ބައްޓަންކުރުމުގައި ރާއްޖޭގެ އަންހެނުން އަދާކުރަމުންގެންދާ ދައުރު، މިފަދަ މުނާސަބަތެއްގައި ފާހަގަކުރަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުން އަންނައިރު އެކަމުގައި އަންހެނުންގެ ހިއްސާ ބޮޑު ކަމަށާއި މި ސަރުކާރުން މިއަދު އެންމެބޮޑު އިސްކަމެއްދޭ އެއްކަމަކީ، އަންހެނުންގެ ހައްގުތައް ހޯދައިދީ، އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކަމަށެވެ.

ރައީސް ވިދާޅުވީ 2030 އާ ހަމައަށް ޖެންޑާ އިކުއެލިޓީ ކަށަވަރު ކުރުމާއި، އަންހެނުންނާއި، އަންހެން ކުދިން ބާރުވެރިކުރުވުމުގެ ލަނޑުދަނޑި ކާމިޔާބު ކުރުމަށް، ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށާއި އަންހެނުންގެ ތަރައްގީ އާއި ކުރިއެރުމަށް އެޅިފައި ހުރި ހުރަސްތައް ނައްތައިލަން ސަރުކާރުން ކުރާ މަސައްކަތްތަކުގައި، އިދާރާތަކުންނާއި، ޢާންމު ފަރުދުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެެ.