ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމަށް ލުޔެއް ދިނުމާގުޅޭ ގޮތުން މަޝްވަރާކުރުމަށް ސަރުކާރުން އިސް ނަގައިގެން އެމްޑީޕީއާއެކު ބޭއްވުމަށް ރޭވި މަޝްވަރާ ބައްދަލުވުމަށް އެމްޑީޕީއިން ހާޒިރެއް ނުވި އެވެ. އެމްޑީޕީއާއެކު ވަކިން މަޝްވަރާކުރަން ނިންމީ، ސަރުކާރުން އިސްނަގައިގެން ބާއްވާ އޯލް ޕާޓީ ޓޯކްސްއަށް އެމްޑީޕީއިން އިޖާބަދީފައިނުވާތީ އެވެ.
މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ތާވަލުކުރީ މިއަދު މެންދުރުފަހު 1:00 ޖެހި އިރަށެވެ. އެ ގަޑި ޖެހިގެން ދިޔައިރު އެމްޑީޕީއިން މަޝްވަރާއަށް ހާޒިރުވެފައެއް ނުވެ އެވެ.
މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ސަރުކާރުގެ ފަރާތުން މަޝްވަރާތަކަށް ކަނޑައަޅުއްވާފައި ހުންނަވާ އެންމެ އިސް މަންދޫބު، މުހައްމަދު ޝައިނީ، މަޝްވަރާތަކުގައި ބައިވެރިނުވުމަށް އެމްޑީޕީއިން ގިނަ ބަހަނާތަކެއް ދައްކަމުންދާ ކަމަށެވެ.
"ސަރުކާރުން މި މަސައްކަތްކުރީ އެންމެ ބޮޑު އޮޕޯޒިޝަން ޕާޓީއަކީ އެމްޑީޕީ ކަމަށް ވެފައި އެ ޕާޓީގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އަޅުގަނޑުމެން ވަކިން ވާހަކަ ދައްކާލާފައި ކޮންމެވެސް ވަރެއްގެ ފިނި ކަމެއް ގެނައުމަށްފަހު އަނެއްކާ ވެސް ހުރިހާ ޕާޓީތަކުގެ މަޝްވަރާއަށްދާން،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ، މަޝްވަރާގައި ބައިވެރިނުވާނެ ކަން އަންގާ އެމްޑީޕީއިން އެތައް ކަމެއް ސަރުކާރަށް މަތިކޮށްފައިވާ ކަމަށާއި އަދާލަތު ޕާޓީއާއެކު ނޫނީ މަޝްވަރާއަށް ނާންނާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
"އެއްގޮތަކަސް އިހުލާސްތެރިކަމާއެކު މިކަން ކުރުމުގެ ނިޔަތެއް އޮތްހެނެއް އަޅުގަނޑުމެންނަކަށް ނުފެނޭ، ޕާޓީތަކާއެކު މަޝްވަރާކުރުމަށް އެންމެ ބޮޑަށް ގޮވާލަމުން ވެސް ދިޔައީ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން، އަޅުގަނޑުމެން މިއުޅެނީ ބޭރުގައި ރާއްޖޭގެ އަގު ވެއްޓޭނެ ކަހަލަ ވާހަކަތައް ދައްކާތީވެ އެކަލަ ވާހަކަތައް ނުދެއްކުމަށް އެއް ގަލަކަށް އަރައި، ރާއްޖޭގެ ތަރައްގީއަށް ދިވެހި ރައްޔިތުންނަށް މަންފާ ކުރާނެ ލަބާޔާ ފަސޭހަ ލިބޭނެ ކަންތައްތަކަށް މަގު ފަހިކުރުމަށްޓަކައި،" ޝައިނީ ވިދާޅުވި އެވެ.
"ހިޔާލު ތަފާތުވުންތައް ނައްތާލެވޭނީ ވާހަކަ ދައްކައިގެން ކަމަށް ހުރީހާ މީހުން ވެސް ގަބޫލުކުރޭ، އެހެންވީމަ އެ ވާހަކަ ދެއްކުމަށް ފުރުސަތު ހުޅުވާލީމަ ވެސް މި ފެންނަނީ ވާހަކަ ދެއްކުމަކަށް ވެސް އަދި ގައުމުގެ ކުރި އެރުމަކަަށް ވެސް އިޖުތިމާއީ ތަރައްގީއަކަށް ވެސް އެއްވެސް ކަމަކަށް ވެސް ހަގީގަތުގައި އިހުލާސްތެރިކަމެއް ނެތްކަން، އެހެން ނޫންނަމަ އަޅުގަނޑުމެންނާއެކު އެ ބޭފުޅުން އެ ވިދާޅުވާ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މޭޒު ދޮށަށް އައީސް،"
ޝައިނީ ވިދާޅުވީ، އަދިވެސް ޕާޓީތައް މަޝްވަރާގެ މޭޒަށް ގެނައުމަށް މަސައްކަތްކުރާނެ ކަމަށެވެ. ބޭރުގެ ފަރާތްތަކުގެ އެހީ ހޯދައިގެން ނަމަވެސް މަޝްވަރާތަކަށް ހުރިހާ ޕާޓީއެއް މޭޒު ކައިރިއަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެ މަސައްކަތް އިހުލާސްތެރިކަމާއެކު ސަރުކާރުން ހުއްޓާނުލާނެ ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީއަށް އެންމެ އުނދަގޫވާ ކަންތައް ރައީސް ނަޝީދު ހައްޔަރުގައި ހުރުން އެކަމަށް ހައްލެއް ހޯދުމަށް އަޅުގަނޑުމެން އަންނާށޭ ސަރުކާރުން ދައުވަތު ދިނީމާ އެކަމަށް ނާދެވިއްޖެނަމަ ރައީސް ނަޝީދަށް އިހުލާސްތެރި ބޭފުޅަކު ވެސް ނެތީނޫންތޯ ޕާޓީގައި، ރައީސް ނަޝީދަށް އިހުލާސްތެރި ބޭފުޅަކު އެ ޕާޓީގައި ހުރިނަމަ އެ ބޭފުޅަކު ބާރުއަޅައިގެން ނަމަވެސް މި މަޝްވަރާއަށް ވަޑައިގަތީސް،" ޝައިނީ ވިދާޅުވި އެވެ.
ސަރުކާރުން އިއްޔެ ފޮނުވި ދައުވަތަށް ޖަވާބު ދިނުމުގެ ގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވެފައިވަނީ، މަޝްވަރާތަކުގައި ބައިވެރިވާނެ ގޮތް ކުރިން ވެސް ވަނީ އަންގާފައި ކަމަށާއި މަޝްވަރާތަކުގައި ބައިވެރިވާނީ އެކަންކަން ހާސިލުވުމުން ކަމަށެވެ. އެމްޑީޕީއިން ޝަރުތު ކުރަނީ ރައީސް ނަޝީދާއި އިމްރާން ދޫކޮށްލުމަށެވެ. އަލީ ނިޔާޒު ވިދާޅުވީ އެކަމަކީ މަޝްވަރާ ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުން ނިންމަން ޖެހޭ ކަމެއް ކަމަށެވެ.