ދުނިޔެ

ފަލަސްތީންގެ ހަމާސް އާއި ފަތަހް ޗައިނާއަށްް

ފަލަސްތީންގައި ހަރަކާތްތެރިވާ ހަމާސް އާއި ފަތަހް، ގުޅުން ބަދަހިކުރަން ޗައިނާއަށް ދަނީ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެކުވެރިކަން އާލާކުރަން ބާއްވާ ބައްދަލުވުންތައް އޮންނާނީ ބެއިޖިން ގައެވެ.

ހަމާސްގެ ވަފުދު ގޮވައިގެން ޗައިނާއަށް ދަތުރުކުރަން ހަމަޖެހިފައިވަނީ ގަތަރުން ފުރައިގެންނެވެ. މި ވަފުދުގެ ވެރިޔަކީ އިސްމާއީލް ހަނިއްޔާ އެވެ.

ފަތަހް ޖަމާތުން ދަތުރު ފަށާތަނެއް ނުބުނެ އެވެ. ވަފުދުގެ ވެރިޔާ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް ބުނީ ހަމްމޫދު އަލުލް އެވެ.

މި މަޝްވަރާތަކާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް، ހަމާސް އިން އަދި ފަތަހްއިން ވެސް ނުދެ އެވެ.

ފަލަސްތީންގައި ހަރަކާތްތެރިވި ނަމަވެސް ހަމާސް އާއި ފަތަހް އަކީ ވާދަވެރި ދެ ޖަމާއަތެވެ. ޣައްޒާގެ ވެރިކަން ހޯދަން މި ދެ ޖަމާއަތުން ކުރި މަސައްކަތްތަކުގައި 2006 ގައި ހަމާސްއަށް ލިބުނު ބޮޑު ތާއީދާ އެކު ފަތަހް ވަނީ އެ ސަރަހައްދުން ބޭރުކޮށްފަ އެވެ. ނަމަވެސް ފަލަސްތީން އޮތޯރިޓީގެ ހިއްސާދާރެއް ގޮތުގައި -- މަހްމޫދު އައްބާސްގެ ސަރުކާރުގެ ދިފާއީ ބާރުގެ ގޮތުގައި ފަތަހް ދެމިއޮތީ އެވެ.

ހަމާސް އާއި ފަތަހް އެކުވެރިވެ ފަލަސްތީންގައި ވެރިކަމެއް އެކުލަވާލުމަށް ކުރެވުނު އެތައް މަޝްވަރާއެއް ވަނީ ފޭލިވެފަ އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ދޫދޭން ބޭނުން ނުވުމުގެ ސަބަބުން އެކުގައި މަސައްކަތްކުރާނެ މާހައުލެއް އަދިވެސް އޮތީ ގާއިމުނުވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އިޒުރޭލު ސިފައިން ޣައްޒާއަށް އަރައިގަތުމާ ގުޅިގެން މި ދެ ޖަމާއަތް އެއްގަލަކަށް އެރުމަަށް ކުރިން ނުކުރާ ވަރަށް މަޝްވާތައް ދަނީ ކުރި އަށެވެ.

މި ދެ ޖަމާއަތުން ޗައިނާއަށް ދަތުރުކުރާއިރު މިއަހަރުގެ ކުރީކޮޅު -- ޖޫންގައި ޗައިނާއިން ވަނީ މި ދެ ޖަމާއަތުގެ ވެރިންނާ މަޝްވަރާކޮށްފަ އެވެ. އަދި ޖޫންގައި އަލުން ބައްދަލުކުރާ ގޮތަށް ދެވަނަ ބައްދަލުވުމެއް ތާވަލުވެސް ކުރި އެވެ.

ޗައިނާގައި މިފަހަރު އޮންނަ ބައްދަލުވުމުގައި ބޮޑަށް މަޝްވަރާކުރާނީ ބައިބައިވުންތައް ނައްތާލައި އެކުގައި މަސައްކަތްކުރުމާ ބެހޭ ގޮތުންނެވެ. އަދި ބާރުތައް ބަހާނެ ގޮތަކާ ބެހޭ ގޮތުންވެސް މަޝްވަރާނެ އެވެ.