ސިވިލް ކޯޓް

ކުރީގެ މަޝްހޫރު ގޯލްކީޕަރު ޓިމޯގެ މައްޗަށް ބޮޑު ހުކުމެއް

ކުރީގެ މަޝްހޫރު ގޯލްކީޕަރު ހަސަން ރަމީޒް (ޓިމޯ)ގެ މައްޗަށް ދެ ލައްކައެއްހާ ރުފިޔާ ދެއްކުމަށް ހުކުމެއް ކޮށްފި އެވެ.

މިއީ 2022 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ޓިމޯ ނެގި ލޯނެއްގެ ފައިސާ ނުދައްކައިގެން ހުށަހެޅި މައްސަލައަކާ ގުޅޭ ހުކުމެވެ.

މި ހަފްތާގައި ސިވިލް ކޯޓުން ނިންމި މި މައްސަލައިގެ ރިޕޯޓުން އެނގޭ ގޮތުގައި މިއީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ޓިމޯ ނެގި، ބީއެމްއެލް ލައިފް ސްޓައިލް ލޯނެކެވެ.

ލައިފް ސްޓައިލް ލޯނު 100،000 ރުފިޔާ އާއި 500،000 ރުފިޔާއާ ހަމައަށް އޭރު ނެނގެ އެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 12 ޕަސެންޓެވެ.

ޓިމޯގެ މައްޗަށް ހުކުމް ކުރީ މި ލޯން ނުދައްކައިގެން ބޭންކުން އެ މައްސަލައިގައި ދައުވާ ކުރުމުންނެވެ. ބޭންކުން ސިވިލް ކޯޓުގައި ޓިމޯއާ ދެކޮޅަށް ދައުވާކުރީ 270،656.18 ރުފިޔާ ހޯދުމަށެވެ.

ޓިމޯގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދު އިއްޔެ ހުކުމް ކުރީ އިއްޔެ އިން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ލޯނު ފައިސާ ދައްކާ ހަލާސް ކުރުމަށެވެ.

ޓިމޯއަކީ ދިވެހިރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ގޯލް ކީޕަރެކެވެ. އެއްވަނަ ޑިވިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު ކޯޗިންގެ ދާއިރާގައިވެސް ޓިމޯ ހަރަކާތްތެރިވި އެވެ. އޭގެ ފަހުން ޓިމޯ ކޮންމެވެސް ވަރަކަށް ސިޔާސީ ދާއިރާގައިވެސް އުޅުނެވެ.

ޓިމޯ ވަނީ މި އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށްޓަކައި ވެރިކަން ކުރާ ޕީއެންސީގެ ޕްރައިމަރީގައިވެސް ވާދަކޮށްފަ އެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމުގެ ކުރިން މިދިޔަ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ޓިމޯ، ޖުމްހޫރީ ޕާޓީއަށް ސޮއިވެސް ކުރި އެވެ.

އެއްވަނަ ޑިވިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެއް ކުޅުނު ޓިމޯއަކީ ގައުމީ ޓީމުގައިވެސް ކުރިން ހިމެނުނު މޮޅު ގޯލްކީޕަރެކެވެ. އޭނާ ވަނީ ކްލަބުގައި އަދި ގައުމީ ޓީމުގައި ހިމެނި ރާއްޖޭން ބޭރުގައިވެސް ކުޅެފަ އެވެ.