މަސްވެރިން

ޖެހިގެން ހުރިގޭގައި މަސް ކައްކާތީ ކޯޓަށް

މާލޭން ދެކުނުގެ ރަށެއްގެ އަންހެނަކު، އޭނާގެ ގެއާ އިންވެގެން ހުންނަ ގެއިން މަސްކައްކާތީ އެކަމާ އުނދަގޫ ވެގެން ކޯޓަށް ހިނގައްޖެ އެވެ.

ދެކުނުގެ ބޮޑު ރަށެއްގައި ހިނގި މި ހާދިސާއާ ގުޅިގެން އަންހެނަކު އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ "ތުރާ ފިލުވުމުގެ" މައްސަލައެއްގެ ގޮތުގަ އެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އަންހެން މީހާގެ އަވައްޓެރިޔާ އޭނާގެ ގޭގައި މަސްކައްކައި، އަދި ގޯތި ތެރޭގައި ކުނި އަންދާތީ އަރާ ދުމުގެ ސަބަބުން އުނދަގޫވާތީ އެކަން ނުކުރުމަށް ތަކުރާރުކޮށް އެދުމުންވެސް އެކަން ހުއްޓާ ނުލައެވެ.

ވާހަކަ ދައްކައިގެން އެކަން ހައްލު ކުރަން މަސައްކަތް ކުރިނަމަވެސް އެކަން އެ ގޮތަށް ނުވުމުން އަންހެން މީހާ، އެ ރަށު ކޯޓަށް މައްސަލަ ހުށަހެޅީ ޝަރީއަތުން އެކަމުގައި ހައްލެއް ހޯދާށެވެ. އަންހެން މީހާ އެ މައްސަލަ ކޯޓަށް ހުށަހެޅީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ކޯޓަށް އެ މައްސަލަ ހުށަހަޅި ފަހުން އެ އަންހެން މީހާއާއި އޭނާގެ ގެއާ އިންވެގެން ހުންނަ ގޭގައި މަސް ކެއްކި ފިރިހެން މީހާއާ ދެމެދު އުފެދިފައިވާ މައްސަލަ މިހާރުވަނީ ހައްލުވެފަ އެވެ.

މި މައްސަލައިގެ ޝަރީއަތުގައި ދެ ފަރާތުން ދެއްކި ވާހަކަތަކުން، އެ މައްސަލަ މިހާރު ހައްލުވެފައިވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން އަންހެން މީހާ ބޭނުމެއް ނުވެއެވެ. އަދި އެކަމަށް ފިރިހެން މީހާވެސް އިއުތިރާޒު ނުކުރާތީ ކޯޓުގެ އިސް މެޖިސްޓްރޭޓް ބެއްލެވި މި މައްސަލަ ނިންމާފައިވަނީ ދެން އިތުރަށް މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ހުކުމް ކޮށްގެންނެވެ.

މި އަހަރުގެ މާރިޗު މަހުގެ ފަހުކޮޅު، ކޯޓަށް ހުށަހެޅި "ތުރާފިލުވުމުގެ" މި މައްސަލަ ނިންމާފައިވަނީ މިދިޔަ ހަފްތާގައެވެ. މައްސަލަ ނިންމީ، ޝަރީއަތުގެ އަޑު އެހުމެއް ބޭއްވުމަށް ފަހުއެވެ.