ވާހަކަ

މިލްކުވާނެބާ

( 15 ޖުލައި 2024 އާ ގުޅޭ )

އޮފީސް މޭޒު ކައިރީ މާޔާ އިނީ ފިކުރުތަކަށް ގެއްލިފަ އެވެ. މޭޒުގެ އެއް ފަރާތުގައި ބާއްވާފައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. ފޯނު ނަގައި ބަލާލުމާއެކު އިސްކުރީނުގައިވާ ނަންފެށި މާޔާއަށް ތުންފިއްތާލެވުނެވެ.

"ހެލޯ." ފޯނުކޯލު ނަގަން ނުނަގަން އިނދެފައި މާޔާ ޖަވާބުދީފި އެވެ.

"ހޭއި..." މާޔާގެ ކަންފަތުގައި ޖެހުނީ ރާހިންގެ އަޑެވެ.

"ރާހިން." މާޔާގެ އަޑުގައިވީ މާޔޫސްކަމެވެ.

"މާޔާ. އައި ނޯ އެވްރިތިންގް. ހައު ޔޫ ފީލިންގް. އަނިޔާއެއްވިތަ؟." ރާހިންގެ އަޑުގައި ކަންބޮޑުވުން ވިއެވެ.

"ރާހިން... އަހަރެން ނުބުނާކަށްނޫން ހުރީ. އައި އޭމް ރިއަލީ ސޮރީ. އަހަރެންނަށް ވަރަށް އިތުބާރުކޮށްފައިކަން އެނގޭ މި ޖޮބް ހޯދާ ދިނީ. އަހަރެންގެ ސަބަބުން ކޮމްޕެނީއަށް ނެގެޓިވް އިމްޕެކްޓެއް ކުރީ." ހަޤީޤަތުގައި ވެސް ރާހިންއަށް ކަންތައްވީގޮތް ކިޔައިދޭން މާޔާ ލަދުގަނެވެ. އޭނާގެ ކުށެއް އެކަމުގައި ނެތްކަމުގައި ވިޔަސް އެވެ.

"މިހިރަ މޮޔަކުއްޖާ. ބަލަ އަހަރެންނަށް މުހިންމީ މާޔާ ސަލާމަތުން ހުރުމޭ. ދެން މާބޮޑަށް ނުވިސްނާ އެވީ ކަންތައްތަކާމެދު. ކޮމްޕެނީއަށް ވާނެ ގޮތަކާމެދު ފިކުރުބޮޑުނުކުރާތި. ހުރިހާކަމެއް އަހަރެން ހަމަޖައްސާނަން. ޔޫ ޖަސްޓް ޓޭކް ކެއާ އޮފް ޔޯސެލްފް. އަހަރެންނަށް ނުދެވިގެން މިއުޅެނީ މަންމަގެ ޑްރާމާ ބޮޑުވެގެން. ރާއްޖެ ދާން ނިންމިކަން އެނގުމާއެކު މަންމަ ބަލިވެއްޖެ. އެހެންވެ އަވަހަށް މަންމަ ކައިރިޔަށް އައީ. ޔޫ ނޯ ވަޓް... ސީ ވޯޒް ފޭކިން." ރާހިން ދައްކަމުންދިޔަ ވާހަކަ މާޔާ އަޑު އަހަމުންދިޔައީ އިތުރަށް ވާހަކަދައްކަން ނުކެރިފައި އިނދެ އެވެ.

"ރާހިން އެހާ ރަނގަޅީ ކީއްވެތަ؟. އޭނާގެ އެ ހެޔޮކަން އަހަރެންނަށް ޑިޒާވެއް ނުވޭ. އަހަރެން ހީކުރީ އަހަރެންނަށް އިޒީކިއަލްއާ ކުރިމަތިލެވިދާނެކަމަށް. އޭނާގެ ކުރިމަތީ އަހަރެން ގަދަކަން ނުދެއްކިނަމަ މިހެނެއްނޫވީސް... އޭނާ ނުފެންނަ ހިސާބަކަށް އަހަރެންނަށް ދެވެން ވެސް އޮތް. އެހެން ހެދުނުނަމައޭ މިހާރު ހިތަށް އަރާ. މިއަށްވުރެ ބޮޑަކަށް ދެން މީހެއްގެ އަގެއްނުވެއްޓޭނެ." ފޯނުކޯލު ނިމުނުއިރު މާޔާގެ ދެ ލޯ ފެންކަޅިވެ ރޮވެންފެށުނީ އަމިއްލަ އިޚްތިޔާރުން ބޭރުގަ އެވެ. އޮފީހުގައިކަން އިނދެވުނީ އެނގޭއިރު ވެސް އޭނާއަށް އަމިއްލަ ނަފްސު ނުހުއްޓުވުނެވެ. އެއަށްވުރެ އޭނާގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފަ އެވެ. އޭރު އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔައީ އިޒީކިއަލްގެ ޚިޔާލުތަކެވެ.

* * * * *

"ގުޑް މޯނިންގ. ކިހިނެއް މިއަދު." ކޮޓަރިއަށް ވަންއިރު ފައިނާނު ހޭލާ އިންތަން ފެނުމުން ޒާހިލް ބުނެލި އެވެ.

"ޖިމަށް ދިޔައީތަ؟" ޒާހިލް ހުރި ގޮތް ފެނުމުން ފައިނާނު އަހާލި އެވެ.

"އާން. ފަންނަ މާ ލޯބިކޮށް އޮތީމަ ނުގޮވީ. މި ނުކުންނަނީ ފެންވަރާލައިގެން. އެކީގައެއްނު ސައިބޯން ދާނީ." ޒާހިލް ފާޚާނާއަށް ވަންނަން ތައްޔާރުވަމުން ވާހަކަދެއްކި އެވެ.

ގޭގައި ގެންގުޅޭ ކުއްޖާ ހުރީ ފައިނާނުމެން ބައިގައި ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދީފަ އެވެ. ޒާހިލް ފެންވަރައިގެން ނުކުމެ އަނބިމީހާ ގޮވައިގެން ސިޓިންރޫމާއި ގުޅިފައި ހުރި ބަދިގެއަށް އައެވެ. ކާމޭޒު ދޮށުގައި ފައިނާނު ބައިންދާފައި އޭނާގެ ކައިރީ ޒާހިލް އިށީނެވެ.

"އަދިވެސް އާ ފުރެނީތަ؟. ސައިބޮއެގެން ނިދާލަންތަ ދާނީ." ޒާހިލް އަހާލި އެވެ.

"އަދި ނޭނގެ." ނިދިބަރުކަން އެކުލެވިފައިވާ އަޑަކުން ފައިނާނު ބުންޏެވެ.

"މިއަދު ހަވީރު އޮތް އިވެންޓްގެ މަތިން ހަނދާން ނައްތާ ނުލައްޗޭ. އަހަރެން ބުނީމެންނު އިޒީކިއަލް މީހަކާ އިންނަނީއޭ. އެކަމުގައި އަހަރެން ތަންކޮޅެއް ބިޒީވާނެ. ސައިފުލް ކައިރީ ބުނެފަ ބާއްވާނަން ފަންނަ ޑްރޮޕްކޮށްލަދޭން. އެކޮޅުން ފަންނަ ރިސީވްކުރަން އަހަރެން ހުންނާނަން. އެހެންވީމަ އެކަންޏެއްނުވާނެ." ސައިބޮއެ ނިމިގެން މޭޒު ދޮށުން ތެދުވަމުން ޒާހިލް ވާހަކަދެއްކީ ކަމެއް ހަނދާންކޮށްލަ ދޭ ފަދައަކުންނެވެ.

"ވެޑިން ދޯ... ހޫމް... އޯކޭ..." ފައިނާނު ވާހަކަދެއްކީ އަދިވެސް ނިދީގެ ތެރޭގައި އިނދެގެންނެވެ. އެހެންނަމަވެސް އިޒީކިއަލްގެ ނަން ކިޔާލެވުމާއެކު އޭނާގެ ބޮލުގައި އެއްޗަކުން ޖަހާލި ކަހަލަ އެވެ. ވަގުތުން އޭނާގެ ދެ ލޮލުން ނިދި ފިލައި ހިނގައްޖެ އެވެ.

"މަޑުކޮށްބަލަ... އިޒީކިއަލްއޭ..." ޒާހިލް ދާން އުޅޭހެން ހީވެ ނިކަން އަވަހަށް ފައިނާނަށް ބުނެވުނެވެ.

"މިވަގުތަކު ނޫން ދޯ. އަހަރެން ދާން ޖެހިއްޖެ. ފަހުން ގުޅާނަން އިނގޭ. ކާފަ އަހައިފިއްޔާ ބުނޭ އަހަރެން އޮފީހުން ބޭރުން ކަމެއް ޖެހިގެންނޭ ދިޔައީ. އޯކޭ... ބާއި." ޒާހިލް ނިކަން އަވަސްއަރުވާލާފައި ވާހަކަދައްކަމުން ގޮސް އެޕާޓްމެންޓުން ނުކުމެއްޖެ އެވެ.

"އެހާ އަވަސްއަރުވާލާފައި ދާން ކޮންކަމެއް ޖެހުނީ... ޔަގީނޭ އިޒީކިއަލްގެ ވާހަކަ ނުދައްކަންވެގެންކަން. އޭނައާ ހެދި މިޔާގެ ނަން ހަޑިވީ. މިހާރު އެ އުޅެނީ މީހުން ކުރިމަތީ މާ ރަނގަޅު މީހަކަށްވާން އަވަހަށް ކައިވެނި ކުރާން. އަދި މި ޒާހިލް ވެސް އަހަރެން ގެންދަން އެ އުޅެނީ އޭނާގެ ވެޑިންނަށް. ހުރެބަލަ... ނިކަން ރީތިކޮށް ދާނަން." ފައިނާނަށް ދަތްކުނޑިވިކާލެވުނެވެ.

"ނަސީބެއް... ފަންނައަށް ހަޤީޤަތް އެނގިއްޖެއްޔާ އަދި ރުޅިގަދަވާނީ. އެހާތަނަށް ނޭނގެ ވާނެ ގޮތެއް ވެސް." ސިއްރުން ގެއިން ނުކުމެގެން އައިސް ޒާހިލް އުޅުނީ ކާރަށް އަރާށެވެ. އޭނާ ސިއްސައިގެން ދިޔައީ ގޯތިތެރެއަށް ނުކުމެގެން އައި ނޫމާން ގޮވާލިލެއް ބާރުކަމުންނެވެ.

"މިއޮއް ހެނދުނާ ކޮންތާކަށް؟. ބަލަ މީ ބަންދު ދުވަހެއްނު." ނޫމާން ބުންޏެވެ.

"ކާ..ފަ.. މީ އޮފީހަށް." ކުއްލިއަކަށް ޖަވާބުދޭން ޒާހިލަށް އުނދަގޫވުމުގެ އިތުރުން ކާފަގެ ކުރިމަތީ ދޮގު ހަދަން ވެސް ޖެހިލުންވީ އެވެ.

"ކޮންއިރަކު ބަންދު ދުވަސްތަކުގައި ވެސް އޮފީހަށް ނުކުންނަން ފެށީ." ނޫމާން ބުންޏެވެ.

"ކާފައަށް އެނގޭނެ ކިހާ ބުރަކޮށްކަން މިދުވަސްކޮޅު ދަނީ. އެހެންނޫނަސް މެރީ ކުރިފަހުން އަޅުގަނޑު ގިނަވަގުތު ގޭގައި މިއުޅެނީ. އެހެންވީމާ ވެސް މަސައްކަތްތައް ފުނިޖެހޭ ގޮތްވާނެއެއްނު." ޒާހިލް މަކަރެއް ހަދާން މަސައްކަތް ކުރި އެވެ.

"އޮފީހުގެ މަސައްކަތް ފަހުން ކުރެވިދާނެ. އިހަށް އަހަރެންނާއެކީ ހިނގާ." ނޫމާން ބުންޏެވެ. އަދި ފަސްއެނބުރި ގެއާ ދިމާއަށް ބަލާލި އެވެ. އޭރު ސައިފުލްއާ އެކުއެކީހެން ފައިނާނު ނުކުމެގެން އާދެ އެވެ.

"ކޮންތާކަށް." ހާސްކަމާއެކު ޒާހިލަށް އަހާލެވުނެވެ. އޭނާ ކޮންމެހެން ވެސް އިޒީކިއަލްގެ ކައިވެނީގެ ކަންކަން ހަމަޖައްސަން ދާންޖެހޭތީ އެވެ.

"އާސިފް އަހަރެންނަށް ގުޅި. ޒާހިލް ގޮވައިގެން އައިސް ބަލާށޭ ބުނީ. އެހެންވީމަ އިތުރު އެއްވެސް ތަނަކަށް ނުދެވޭނެ." ޒާހިލްގެ ފަހަތުން ކާރުގެ ދޮރުފަތް ލައްޕާލުމާއެކު ނޫމާން ބުންޏެވެ.

"ކޮންކަމަކުކަން ނުބުނޭތަ؟. ކާފަ ސީރިއަސްކޮށް މުހިންމު ކަމަކުއޭ އަޅުގަނޑު ދާން މިއުޅެނީ. އެހެން ގަޑިއަކަށް ހަދަންވީނު." ޒާހިލްއަށް ބުނެވުނެވެ.

"ކަލޭމެން ހީކުރަނީ އަހަރެމެންނަށް އެކައްޗެއް ވެސް ނޭނގޭ ކަމައްތަ؟. އާސިފު ބުންޏޭ އެ ސޮރު ކުރަން އެ އުޅޭ ކައިވެނީގެ ވާހަކަ. ބުނަން ޒާހިލް. އެކަމުގެ ތެރެއަށް ޒާހިލް ނުވަދެ ދުރުގައި ހުރޭ. އެކަމަށް ޒާހިލް އެއްބާރުލުން ދޭކަށް ކާފަ ޤަބޫލެއްނޫން. އާސިފްމެންގެ ޢާއިލީ ކަމެއް އެއީ. އެ މައްސަލަގަނޑު ހައްލުކުރާނީ ވެސް އެމީހުން." ނޫމާން ބުންޏެވެ.

ސައިފުލް އައިސް ކާރަށް އަރައި އިސްޓާޓްކޮށްފި އެވެ. މިވަނީ ކިހިނެއްކަން ނޭނގި ޒާހިލަށް ފައިނާނު ގޮވާލި އެވެ. އެހިނދު ނޫމާން އެދުނީ ފައިނާނު ކައިރީ ގޭގައި މަޑުކުރުމަށެވެ. ޒާހިލް ގޮވައިގެން ގޮސްފައި އެނބުރި އަންނާނަން ކަމުގައި ނޫމާން ބުނެލި އެވެ.

"އެކަމަކު ކާފާ... ހަވީރު އެބައޮތޭ ޒާހިލްގެ ބެސްޓްފްރެންޑްގެ ވެޑިންނަށް ދާން. އެހާއިރަށް އަންނާނަންތަ؟." ފައިނާނު އަހާލި އެވެ. ޒާހިލްއަށް އެ އަޑު އިވި ދެ ލޯ މަރާ ބާރުކޮށްލެވުނެވެ.

"އެބުނާ ކައިވެނި ޙަފުލާއެއް ނޯންނާނެ. އެހެންވީމަ ދާކަށް ނުޖެހޭނެއެއްނު. ދެން މިތާ ނުހުރެ ދަރިފުޅު ދޭ ގޭތެރެއަށް." ނޫމާން ބުންޏެވެ. އަދި ފައިނާނު ބޯޖަހާލާފައި އެނބުރި ގޭތެރެއަށް ވަންނަން ހިނގައިގަތުމުން ނޫމާން ކާރުގެ ފަހަތު ދޮރުފަތް ލައްޕާލައިފި އެވެ. އަދި ކާރު ދުއްވާލުމަށް ސައިފުލްއަށް އަންގާލި އެވެ.

* * * * *

ކޮޓަރީގައި ހުރި ބޮޑު ލޯގަނޑުގެ ކުރިމަތީ ސޫޒަން ހުއްޓިލައިގެން ހުރިއިރު އޭނާގެ ފުރިހަމަ އިސްކޮޅު އެ ލޯގަނޑުން ފެންނަމުން ދިޔަ އެވެ. ހުދުކުލައިގެ ކައިވެނި ހެދުމުގައި އޭނާ ހުރީ ނަލަވެވޭނޭ އެންމެ ފުރިހަމައަށް ތައްޔާރުވެގެންނެވެ. އޭނާގެ ރީތިކަން ވަކިން އިތުރުވެފައިވާ ކަހަލަ އެވެ. ކައިވެނި ހެދުމާއެކު ބޭނުންކޮށްފައިވަނީ ނީލަމްގެ އަގުބޮޑު ގަހަނާ ސެޓެކެވެ. ސޫޒަންގެ ތުންފަތަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވެގެން ދިޔަ އެވެ. އޭނާގެ ހުވަފެނުގައި ކުލަޖެހެން ކައިރިވަނީކަން އެނގޭތީ އެވެ. އެ ފޮނިފޮނި ޚިޔާލުތަކުގައި ވަނިކޮށް ކޮޓަރީގެ ދޮރު ހުޅުވާލީ އިޒީކިއަލް އެވެ.

"އިޒީ." ސޫޒަންގެ ހިނިތުންވުން ވަކިން ފުޅާވެލި އެވެ.

"ވާއޮ!... ތީ އަހަރެންގެ ސޫޒީތަ؟. މިވަގުތު ފެންނަލެއް ވަކިން ލޯބި. ޔޫ އާ ސޯ ބިއުޓިފުލް." އިޒީކިއަލް އައިސް ސޫޒަންގެ ދަތްދޮޅީގައި ހިފާލި އެވެ. އަދި އޭނާއާ ދިމާއަށް އުފުލާލުމާއެކު ސޫޒަންގެ ނިތްކުރީގައި އިޒީކިއަލް ބޮސްދިނެވެ.

"ދާންވީތަ؟. އެމީހުން އައީތަ؟." ހިތް އަވަސްވެފައި ހުރެ ސޫޒަން އަހާލި އެވެ.

"ކުޑަ ވަގުތުކޮޅެއް ދީ. މިހާރު އަންނަން އުޅޭނެ. މި އަންނަނީ އެމީހުން ތިބި ހިސާބެއް ބަލާލާފައި. ސޫޒީ ކޮޓަރީގައި މަޑުކުރޭ." އިޒީކިއަލް ބުންޏެވެ.

ކައިވެނި ޙަފުލާ ކިތަންމެ ކުލަގަދަކޮށް ބާއްވަން ސޫޒަން ބޭނުންވިޔަސް އެކަން އެގޮތަށް ކޮށްދެވޭކަށް އިޒީކިއަލްއަކަށް ނެތެވެ. ކާފައަކީ އެތައްބައެއް ދަންނަ ޤަދަރުވެރި ބޮޑު ވިޔަފާރިވެރިއެކެވެ. ކާފަގެ ރުހުމާ ނުލާ ކުރާން އުޅޭ ކައިވެންޏަކަށްވާއިރު އެކަމާ ފާޑުކިޔާނޭ މީހުން ގިނަވާނޭކަން އިޒީކިއަލްއަށް އެނގެ އެވެ. އަނެއްކޮޅުން ދެކުނުގެ ޕްރޮޖެކްޓުގެ ކަންތަކާ ގޮސް އުޅެނިކޮށް ގެސްޓްހައުސްގައި ހިނގި ހާދިސާއަށް އަދި ގިނަ ދުވަސްތަކެއް ނުވޭ ވިއްޔާ އެވެ. މީޑިއާގައި އޭނާއޭ ކިޔައިގެން އާ ވާހަކަތަކެއް ފެތުރޭކަށް އިޒީކިއަލް ނޭދެ އެވެ. އެންމެ ގާތްކޮށް އުޅޭ ދެ އެކުވެރީންނަށް އެކަނި ދަޢުވަތު ދިނީ އެހެންވެ އެވެ.

"ކޮބާތަ އެ ޒާހިލް... އަރްޙަމްގެ ޚަބަރެއް ވެސް ނުވޭ." އެކުވެރީންނަށް ގުޅޭތޯ ބަލަމުން އިޒީކިއަލްއަށް ބުނެލެވުނެވެ. އޭނާ ދިރިއުޅޭން ނަގާފައި ހުރި ގޭ ދޮށަށް މީހުން އެއްވެގެން އުޅޭކަން ހިލްމީ އައިސް ބުންޏެވެ. އެއާއެކު އިޒީކިއަލްއަށް ހާސްކަމެއް ލިބިގެން ދިޔަ އެވެ. ވާގޮތެއް ބަލަން ހިލްމީއާއެކު އިޒީކިއަލް ނުކުތެވެ. އެ ވަގުތު ގެއަށް ބަޔަކު ވަންކަމެއް އެ ދެ މީހުން ވެސް ނުދެނަހުއްޓެވެ. މީހުންތައް އެއްވެގެން އުޅެނީ ކީއްވެތޯ ހިލްމީ އޮޅުންފިލުވަނިކޮށް އިޒީކިއަލްގެ ފޯނު ރިންގުވާންފެށި އެވެ. އަތުގައި އޮތް ފޯނަށް ބަލާލުމާއެކު އޭނާގެ މޫނުމަތި ފުސްވެގެން ހިނގައްޖެ އެވެ. ހިލްމީއަށް އަތުން އިޝާރާތްކޮށްލާފައި އިޒީކިއަލް އެ ފޯނުކޯލު ނަގަން އެއްފަރާތަށް ޖެހިލި އެވެ.

"ހެލޯ." އިޒީކިއަލް ކުރީން ވާހަކަދެއްކި އެވެ. އެއާއެކު ފޯނުން އިވިގެންދިޔައީ ކާފަގެ އަޑެވެ.

"އިޒީކިއަލްއަށް އެއްވެސް އެއްޗެއް ނޭނގޭ. އަހަރެން ވަރަށް ކެތްކޮށްފިން... މީ އިޒީކިއަލްއަށް ފިލާވަޅެއް ކަމަށް ބަލާ. އަހަރެންގެ ބަސް ނޭހުމުން ވީގޮތެއް. މިއަދަށްފަހު އިޒީކިއަލްއަށް ދެން ދުވަހަކުވެސް ސޫޒަންއެއް ނުފެންނާނެ. އަހަރެން ދުނިޔޭގައި ހުރެ ތި ދެ މީހުން ބައްދަލުވިޔަކަ ނުދޭނަން." އާސިފް މިހެން ބުނެ ފޯނުކޯލު ކަނޑާލައިފި އެވެ.

"ވަޓް..." ހާސްވެގެން އިޒީކިއަލްއަށް ތެޅިގަނެވުނެވެ. އޭނާ ދުވަމުން ގޮސް ގޭތެރެއަށް ވަނެވެ. ހަލުވި ފިޔަވަޅުގައި ސޫޒަންގެ ކޮޓަރިއަށް ވަންއިރު ސޫޒަން ފެންނާކަށް ނެތެވެ. ސޫޒަންގެ ނަމުން އިޒީކިއަލް ގޮވާލީ ތަންކޮޅެއް ބާރަށެވެ. އޭނާ ދުވަމުން ގޭގެ އެތަންމިތަން ހޯދަމުން ދިޔަ އެވެ. ގޭތެރޭގައި ސޫޒަން ނެތްކަން ޔަގީންވަންދެނެވެ. ސޫޒަން ހޯދުމަށް ޓަކައި ހިލްމީއާ އިޒީކިއަލް މަޝްވަރާ ކުރަމުންދަނިކޮށް އޭނާއަށް ޒާހިލް ގުޅައިފި އެވެ.

"ކަލެއަށް ގުޅަން އެނގިއްޖެ ދޯ." ރުޅި އައިސްފައި ހުރެ އިޒީކިއަލްއަށް ބުނެވުނެވެ.

"ބްރަދަރ. ރުޅި ނައިސް އަހަރެން މިދައްކާ ވާހަކަ އަޑު އަހާ. ހުރިހާ ރޭވުމެއްގެ ފަހަތުގައި ހުރީ އިޒީކިއަލްގެ ކާފަ. މިހުރިހާއިރު އަހަރެން ހުރީ ކޮޓަރިއެއްގެ ތެރޭ ބަންދުވެފައި. އަހަރެމެންގެ ކާފަގެ ގުޅުން ކަލެއަށް ވެސް އެނގޭނެ. މުސްކުޅިއެއްކަމަކު އަދިވެސް އެމީހުންގެ ސިކުނޑި މަސައްކަތް ކުރޭ ވަރަށް ދުރަށް. އަރްޙަމްގެ ޚަބަރެއް ނުވަނީ ވެސް ކަމެއް ދިމާވީހެން ވަރަށް ހީވޭ." ޒާހިލް ދައްކަމުން ދިޔަ ވާހަކަ އިޒީކިއަލް ހުއްޓުވި އެވެ.

"ސޫޒަން ގެއްލިގެން މިއުޅެނީ." އިޒީކިއަލް ބުންޏެވެ.

"އެ ވާހަކަ ބުނަންށޭ މިއުޅެނީ. ކާފަގެ ޑްރައިވަރާއެކީ އެ ދިޔައީ ރިނޮވޭޝަންއަށް ބަންދުކޮށްފައި ހުރި ހޮޓެލަށް. އަހަރެންނަށް ވަރަށް ޔަގީން އެތަނުން ސޫޒަން ފެނިދާނޭހެން. ކާފަގެ ޕްލޭނަކީ ކޮބާކަމެއް ނޭނގޭ. އެ ދިމާއަށް އަވަހަށް ދޭ. އަހަރެން ވެސް މިދަނީ." ޒާހިލް ބުންޏެވެ.

* * * * *

ވަރުގަދަ ފިރިހެނަކު ސޫޒަން ގެނެސް ކޮޓަރިއެއްގެ ތެރެއަށް ވެއްދި އެވެ. އޭނާ ގެންނަން ފެށުމުން ނުދާންވެގެން ނިކަން ގަދަ ދެއްކި އެވެ. އަދި ދެ އަތް އައްސާފައި ހުރުމުން އޭނާ ދޫކޮށްލުމަށް އަމުރު ކުރަމުން ދިޔަ އެވެ. އޭނާއަކީ އިޒީކިއަލްގެ ވާން އަނބިމީހާ ކަމާއި އިޒީކިއަލްއަށް އެނގުމުން އެމީހުން ދުލެއް ނުކުރާނޭކަން ބުނެ އިންޒާރު ވެސް ސޫޒަން ދެމުންދިޔަ އެވެ. އެ މީހާ ސޫޒަން ދައްކާ ވާހަކައަށް ފަރުވާލެއް ނުބެހެއްޓި އެވެ. ގޮނޑިއެއްގައި ގަދަކަމުން ސޫޒަން ބޭންދުމަށްފަހު އެ އަނދިރި ކޮޓަރީގެ ބޮކި ދިއްލާލި އެވެ. އޭނާއާ ކުރިމަތިވާނޭހެން ހުރި ސޯފާގައި އިން އާސިފު ފެނުނީ ދެނެވެ.

"ކާފާ." ސިހުން އެކުލެވިގެންވީ ބަލާލުމާއެކު ސޫޒަންއަށް ބުނެލެވުނެވެ.

"އަހަރެން ދިން އިންޒާރުގެ މަތިން ސޫޒަން ހަނދާން ނެތުނީތަ؟." ހިތްހަމަނުޖެހިފައި އިނދެ އާސިފު ސުވާލުކުރި އެވެ.

"ނޫން... ހަނދާން އެބަހުރި. ކާފަ ދެއްކި އެއްވެސް ވާހަކައެއް ހަނދާނެއް ނުނެތޭ." ސޫޒަންގެ ދެ ލޮލަށް ކުއްލިއަކަށް ބޮޑެތި ކަރުނަތައް ޖަމާކޮށްލައިފި އެވެ. އެހެންނަމަވެސް އާސިފު ބަލަން އިން ގޮތުން އޭނާގެ ހިތް އެ ކަރުނައަކަށް މަޑެއް ނުވާނޭކަން ޔަގީނެވެ.

"ސޫޒަންއާ އިޒީކިއަލް އެކަށީގެންވޭތަ؟. އަހަރެމެންގެ ޢާއިލާގެ ތެރެއަށް އަންނަ އެކަށީގެންވޭތަ؟. މުޅި އުމުރުގައި ވެސް އަހަރެންނަށް ހެދުނު އެންމެ ބޮޑު ގޯސް އެއީ ކަލެއާ މެދު ހަމްދަރުދީވެ އަހަރެމެންގެ ތެރެއަށް ދިރިއުޅޭން ގެނައުން. އިޒީކިއަލްއެކޭ އެއްފަދައިން ދަރިއެއްހެން ބަލައިގަތުން." އާސިފުގެ އަޑުގައިވީ ފޫހިކަމާއި ނުރުހުމެވެ.

(ނުނިމޭ)