ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ޔުނީފޯމް އެޅި މުއައްސަސާތަކުގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފަކީ ނަޒާހަތްތެރި މުވައްޒަފެއްކަން ކަށަވަރުކުރައްވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސްގެ 134 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ސަލާމަތީ ހިދުމަތުގެ ދާއިރާގައި ހިމެނޭ އިދާރާއަކަށް ފުރޭ ކޮންމެ އަހަރަކުން އެނގިގެންދަނީ މިއީ ސިފަ ހުރި ދައުލަތެއް ކަމަށެވެ.
އިހްސާން ވިދާޅުވީ ކަސްޓަމްސް އަކީ ޔުނީފޯމް އެޅި މުވައްޒަފުން ހިމެނޭ އަދި ސަލާމަތީ ހިދުމަތުގެ ތެރޭގައި މަސައްކަތް ކުރާ އިދާރާ އަކަށްވާތީ ހިދުމަތް ދިނުމުގައި ސަމާލުވާންޖެހޭ އަދި ގޮންޖެހުން ބޮޑު އެތައް ކަމެއް ކުރިމަތިވާނެ ކަމަށެވެ.
"ކަސްޓަމްސްގެ ހިދުމަތަކީ ރާއްޖޭގެ ބޯޑަރާ އެންމެ ކައިރިން ދޭ އެންމެ އުނދަގޫ އެއް ހިދުމަތް. ރައްޔިތުންގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމާއެކު އެ ހިދުމަތަކީ ދިނުމަކީ ބޮޑު ގޮންޖެހުމެއް،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޔުނޯމް އެޅި އިދާރާތަކުގެ މުވައްޒަފުންނަކީ ސަލާމަތީ ހިދުމަތުގެ ތެރޭގައި ހިމެނޭ ބަޔަކަށްވީ ނަމަވެސް ރައްޔިތުންނަށް އެކި ކަހަލަ ހިދުމަތްވެސް ދޭ ބަޔަކަށްވާތީ ރައްޔިތުންނަށް ފަސޭހަވާނެހެން ހިދުމަތް ދެވޭ ގޮތަށް ކަންކަން ބައްޓަންކުރެއްވުމަށް މަސައްކަތް ކުރަންވާނެ ކަމަށެވެ. އެގޮތަށް ހިދުމަތްތައް ބައްޓަންކުރާއިރު ޔުނީފޯމް އެޅި ކޮންމެ މުވައްޒަފަކީ ނަޒާހަތްތެރި މީހަކަށް ވާންޖެހޭނެ ކަމުގައި ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ ކަސްޓަމްސް ވެސް ހިމެނޭ ގޮތަށް ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް ފަސޭހަ އަދި އަވަސް ހިދުމަތެއް ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އިދާރާތަކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެ ރައްޔިތުން އެކަން ބަލައިގަތުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ކަސްޓަމްސްގެ ހިދުމަތް ފަށާފައިވަނީ ޖުލައި 18، 1890 ގައެވެ. ކަސްޓަމްސްގެ އިދާރާ ސިވިސް ސާވިސްގެ ދަށުން ހިނގާ އިދާރާއަކަށް ބަދަލުކުރީ މެއި 11، 2011 ގައެވެ.