ރާއްޖެ ކުޅިވަރު

ފަހު ވަގުތުގެ ލަނޑުން ނިއު ބަލިވެއްޖެ

މެޗު ނިމިނިމިއޮއްވައި ފިލިޕީންސްގެ ކާޔާ އެފްސީ ޖެހި ހަމައެކަނި ލަނޑުން އޭއެފްސީން ކަޕުގައި މިއަދު ނިއުރޭޑިއަންޓް ބަލިވެއްޖެ އެވެ.

މި މެޗުގެ ހަމައެކަނި ލަނޑު ޖެހީ އިތުރު ވަގުތުގައި ހޯސޭ އެލްމާރެވެ.

ޕިލިޕީންސްގެ ވެރިރަށް މެނީލާގައި ކުޅުނު މި މެޗަކީ ނިއު މުބާރާތުގައި ކުޅުނު ދެ ވަނަ މެޗެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި މާލޭގައި އެއްވަރުވީ ސިންގަޕޫރުގެ ބެލަސްޓިއާ އަތުން 2-2އިންނެވެ.

މި މެޗަށް ފަހު ނިއު އަށް ދެން މުބާރާތުގައި އޮންނާނީ ހޮންކޮންގެ ކިޗީއާއެކު އަންނަ ހަފުތާގެ އަންގާރަ ދުވަހު މާލޭގައި ކުޅޭ މެޗެވެ.

މިއަދުގެ މެޗުން ބަލިވުމުން ނިއު ވަނީ ޓޭބަލުގެ ފުލަށް ވެއްޓިފަ އެވެ. އެއީ އެއްޕޮއިންޓާއެކުގަ އެވެ. ގްރޫޕް އެފްގެ އެއްވަނާގައިވަނީ ހަތަރު ޕޮއިންޓާއެކު ބެލަސްޓިއާ އެވެ. ކިޗީ އާއި ކާޔާ އަށް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މުބާރާތުގައި ރާއްޖެެއިން ވާދަކުރާ މާޒިޔާ މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ކުޅޭނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ ދެކޮޅަށެވެ.