ބަނގުލަދޭޝްގައި ޔުނިވާސިޓީތަކުގެ ދަރިވަރުން މި މަހު ކުރީކޮޅު ފަށައިގަތް މަދަނީ ބަސްނޭހުން މުޒާހަރާތަކަކަށް ބަދަލުވެ، އަމަން ބަހަލައްޓާ އޮފިސަރުންނާ ކުރިމަތިލައި ހިންގި ހަމަނުޖެހުންތަކުގައި 40 އަށް ވުރެ ގިނަ މީހުން މަރުވެއްޖެވެ.
ދަރިވަރުންގެ ގޮވާލުމަކީ ސިވިލް ސާވިސް ވަޒީފާ ދިނުމުގައި ސަރުކާރުން އަމަލުކުރާ ގާނޫން މިހާރު އޮތް ގޮތް ނޫން ގޮތަކަށް ބަދަލުކުރުމެވެ.
މި ގާނޫން ބުނާ ގޮތުން ވަޒީފާ ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ޕާކިސްތާންގެ ކިބައިން މިނިވަންވުމަށް ބަންގުލަދޭޝްއިން 1971 ގައި ކުރި ހަނގުރާމާގައި ބައިވެރިވި ސިފައިންނާއި މުޖާހިދުންނަށް -- އެ މީހުންގެ ދަރިން އަދި ދަރިންގެ ދަރިންނަށެވެ.
މި ގޮތުން ވަޒީފާދިނުމުގައި ތައުލީމީ ފެންވަރަށް ބަލާކަށް ނުޖެހެ އެވެ. އަދި ވަޒީފާތަކުގެ 30 ޕަސެންޓް ޚާއްސަކުރަން ޖެހޭނީ މީހުންނަށެވެ. އަދި މީގެ އިތުރުން އަންހެނުންނަށާއި ކުޑަކޮށް ތަރައްގީވެފައިވާ އާބާދީތަކަށް ވެސް ވަކި ޕަސެންޓެއް ވަނީ ޚާއްސަކޮށްފަ އެވެ.
މި ގާނޫން ވުޖޫދަށް ގެނައީ 1972 ގައި ބަންގުލަދޭޝްގެ ބާނީ ޝައިޚް މުޖީބުއްރަހްމާން އެވެ. މިއީ އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު، ޝައިޚް ހަސީނާގެ ބައްޕަ އެވެ.
ދަރިވަރުން ބުނާ ގޮތުން އަންހެނުންނަށާއި ކުޑަކޮށް ތަރައްގީވެފައިވާ އާބާދީތަކަށް ވަކި ޕަސެންޓެއް ކަނޑައެޅުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެކަމަކު ތައުލީމީ ފެންވަރު ނެތް ބަޔަކަށް ވަޒީފާ ފުރުސަތުގެ 30 ޕަސެންޓް ޚާއްސަކުރުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.
ބަންގުލަދޭޝްގެ ދަރިވަރުން ސަރުކާރަށް އިލްތިމާސްކުރަނީ މި ގަވާއިދު ބަދަލުކޮށް ވަޒީފާގެ ފުރުތަދު ކިޔަވައިގެން ތިބި ޒުވާނުންނަށް ހުޅުވާލުމެވެ.
ވަޒީފާ ދިނުމަށް ކޯޓަ ކަނޑައަޅައި އުފަންކޮށްފައި އޮތް މި ގާނޫންގެ ސަބަބުން ބަންގުލަދޭޝްގައި މީގެ ކުރިން ވެސް ބޮޑެތި މައްސަލައް ވަނީ ކުރިމަތިވެފަ އެވެ. މި ގޮތުން 2018 ގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން މި ގާނުން އޮތީ އަމަލުކުރުން މެދުކަނޑާލާފަ އެވެ.
މިހެން ކަން އޮއްވައި ބަނގުލަދޭޝްގެ ހައިކޯޓުން މި ގާނޫނަށް އަލުން އަމަލުރަން އަމުރުކުރުމާ އެކު މުޅި ގައުމުގައި ހަމަނުޖެހުންތައް އުފެދި މިއަދު އޮތް ހާލަތަށް ބަދަލުވީ އެވެ.
މުޖީބުއްރަހްމާން މި ގާނޫން އެކުލަވާލެއްވީ ހެޔޮ ވިސްނުމެއްގައި ނަމަވެސް، ގާނޫންގެ ބޭނުން ހިފެނީ އެދެވޭ ގޮތުގައި ނޫން ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އޭގެ ތެރޭގައި ވެރިކަންކުރާ އަވާލީ މީގުގަށް ތާއީދުކުރާ މީހުންނަށާއި އާއިލާތަކަށް ވަޒީފާދޭ ކަމަށް ބުނެވެ އެވެ. ނަމަވެސް، ސަރުކާރުން މިކަން ދޮގުކުރެ އެވެ.
މުޒާހަރާތަކުގައި ސަރުކާރަށް ތާއީދުކުރާ ސަޕޯޓަރުންނާއި ދަރިވަރުންނާ ދެމެދު ހަމަނުޖެހުން އުފެދި ގަޔަށް އަތްލައި ލަޓިބުރިންނާއި ކަތިވަޅިން ވަނީ ހަމަލާ ބަދަލުކޮށްފަ އެވެ.
ސަރުކާގެ މުދަލާއި އިމާރާތްތަކުގައި ހުޅުޖަހައި މަގުތައް ބަންދުކޮށް ދައުލަތް ހުއްޓުވާލާނެ ކަމުގެ އިންޒާރު ދަރިވަރުން ވަނީ ދީފަ އެވެ.