ކުނި މެނޭޖް ކުރުން

ކުނީގެ ފީ ނުދައްކާ މީހުންގެ ލިސްޓަށް ނަން އެރުވުމުން ކައުންސިލް ގޮވައިގެން ކޯޓަށް

ކުނީގެ ފީ ގަވައިދުން ދައްކަމުން ދަނިކޮށް، ފީ ނުދައްކާ މީހުންގެ ލިސްޓަށް ނަން އެރުވި މައްސަލަ ދެކުނުގެ ރަށެއްގެ މީހަކު ކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުނު މެޖިސްޓްރޭޓް ކޯޓުން އާއްމުކޮށްފައިވާ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ކައުންސިލްގެ ބައްދަލުވުމަކުން ނިންމައި އާންމުކުރި ލިސްޓުގައި ދައުވާ ކުރި މީހާގެ ނަން ހިމަނާފައިވެ އެވެ.

ކައުންސިލުން އާއްމު ކުރި، ކުނީގެ ފީ ނުދައްކާ މީހުންގެ ލިސްޓުގައި، ބަރާބަރަށް ފީ ދައްކަމުން ދިޔަ މި މީހާގެ ނަން ހިމެނުމުން، އެ މީހާވަނީ ކައުންސިލާ ދެކޮޅަށް ކޯޓުގައި އަބުރުގެ ދައުވާކޮށްފަ އެވެ.

މި މީހާ ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އަބުރާ ބެހުމުގެ ބަދަލުގެ ގޮތުގައި ކައުންސިލުން 5،000 ރުފިޔާ ހޯދުމަށް އަދި ޝަރީއަތުން ބަދަލުގެ ގޮތުގައި 2،000 ރުފިޔާ ނަގައިދިނުމަށެވެ.

މީގެއިތުރުން ކައުންސިލުން އޭނާގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ކަނޑައެޅުމާއި ކައުންސިލްގެ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ޝަރީއަތުން ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލައިގައި އެ ކައުންސިލުން ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެ އެވެ. އެހެންކަމުން މައްސަލަ ނިންމާފައިވަނީ ކައުންސިލްގެ ޣައިރު ހާޒިރުގައެވެ. އެކަމަކު ކޯޓުން މި މައްސަލަ ނިންމާފައިވަނީ މިއީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުގެ ގަވައިދުގެ ދަށުން އެ ކައުންސިލްގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅާފަ އެވެ.