މިނިސްޓަރު އަލީ އިހުސާން

ރާއްޖޭގެ ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާއްޔެއް: އިހްސާން

ރާއްޖޭގެ ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާއްޔެއް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ނާރެސް ޕޯޓަލް އަދި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފޭސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގިނަ މުއައްސަސާތައް ކޮރަޕްޝަންގެ ހާއްޔަކަށްވުމަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ ބައެއް އިދާރާތަކުންވެސް ކޮރަޕްޝަންގެ މައްސަލަތައް ފެނިފައިވާ ކަމަށެވެ. ނަމަވެސް ރައީސުއްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވަނީ ޒީރޯ ޓޮލަރެންސް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޒީރޯ ޓޮލަރެންސް ޕޮލިސީއެއް އޮތް ކަމެއް މިއީ. ހާއްސަކޮށް ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި މިފަދަ އެއްވެސް ކަމެއްގެ ޒައްރެއްގެ މިންވަރުވެސް ނުބޭއްވުން،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންނަކީ ނަޒާހަތްތެރި ބައެއްކަން ޔަގީން ކުރައްވާނެ ކަމަށެވެ.

އިހުސާން ވަނީ މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެތި އަދި ވެއްދުން މަނާ ތަކެތި ވައްދައިދިން ކަމުގެ ތުހުމަތު ކުރެވޭ ކަރެކްޝަންސްގެ 18 އޮފިސަރެއްގެ ވާހަކަވެސް ފާހަގަކުރައްވާފަ އެވެ. އަދި އެކަމުގައި ބައިވެރިވި އޮފިސަރުންނަށް ގިނަ އަދަދެއްގެ މާލީ މަންފާ ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.