ބަންގްލަދޭޝްގައި ހިނގަމުންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން 500 އަށް ވުރެ ގިނަ މީހުން އެ ގައުމު ދޫކޮށް އަވަށްޓެރި އިންޑިއާއަށް އެތެރެވެއްޖެ އެވެ.
ގާތްގަނޑަކަށް 260 މީހުން ބަންގްލަދޭޝް އިން އިންޑިއާއަށް އިއްޔެ އެތެރެވިއިރު މީގެތެރޭގައި ނޭޕާލްގެ 13 ރައްޔިތަކު ހިމެނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭވެސް ބަންގްލަދޭޝްންގެ ހުޅަނގު ބެންގަލްގެ ގެޑޭ އިމިގްރޭޝަން ޗެކް ޕޯސްޓުން ޖުމްލަ 245 މީހަކު އިންޑިއާއަށް އެތެރެވި އެވެ. މީގެތެރޭގައި އިންޑިއާ އަދި ނޭޕާލަށް ނިސްބަތްވާ 138 ދަރިވަރަކުވެސް ހިމެނެ އެވެ.
މީގެއިތުރުން މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްގެ މެގަލަޔާގެ ޑައުކީ ޗެކް ޕޯސްޓުންވެސް އިންޑިއާގެ 202 މީހަކު އިންޑިއާއަށް އެތެރެވެފައިވެ އެވެ. މީގެތެރޭގައިވެސް ގިނައީ ދަރިވަރުންނެވެ.
ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވަނީ އިންޑިއާއަށް އެނބުރި ދިއުމަށް ޝައުގުވެރިވާ އާންމުންނާއި ދަރިވަރުންނަށް އެ ފުރުސަތު ދިނުމަށާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފަ އެވެ.
ބަންގްލަދޭޝްގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އެ ގައުމުގައި 8،500 ދަރިވަރުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް އިންޑިއާގެ 15،000 ރައްޔިތުން ދިރިއުޅޭ ކަމަށެވެ. އިންޑިއާގެ ހުރިހާ ރައްޔިތުންވެސް ތިބީ ސަލާމަތާއި ރައްކާތެރިކަމާ އެކު ކަމަށާއި ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހޭ ވަގުތެއްގައި ނޫނީ ނުނިކުތުމަށްވެސް ކަމާ ގުޅޭ އިދާރާތަކުންވެސް އިލްތިމާސްކޮށްފަ އެވެ.