ބަންގްލަދޭޝްގައި ސިވިލް ސާވިސް ވަޒީފާތަކަށް މުވައްޒަފުން ނެގުމުގައި ސަރުކާރުން އަމަލުކުރާ ސިޔާސަތާ ދެކޮޅަށް ދަރިވަރުން ފަށައިގަތް މަދަނީ ބަސްނޭހުން ފާލުން ނައްޓައި، މުޒާހަރާތަކަކަށް މިވަނީ ބަދަލުވެފަ އެވެ.
މި މުޒާހަރާތައް ހުއްޓުވަން ނުކުން އަމަން ބަލަހައްޓާ އޮފިސަރުންނާއި ދަރިވަރުންނާ ދެމެދު ލަޓިބުރިންނާއި ކަތިވަޅިން ކުރިމަތިލުންތައް ހިނގައި މަރުވި މީހުންގެ އަދަދު 100 ފަހަނައަޅާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ބަންގްލަދޭޝްއިން ލިބޭ ހަބަރުތައް ބުނާ ގޮތުން މުޅި ގައުމުގައި މިހާރު އޮތީ ކާފިއު ހިންގާފަ އެވެ. އަދި ހަމަނުޖެހުންތައް ހިންގާ ދަރިވަރުންނާއީ ސިޔާސީ މީހުން އަތުލައި ހައްޔަރުކުރަން އަސްކަރިއްޔާ ވަނީ މަގުތަކަށް ނުކުމެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބަންގްލަދޭޝްގެ ހާލަތު ހަމަޖެހެންދެން ކާފިއު ދެމިއޮންނާނެ އެވެ.
ދަރިވަރުންގެ ބަސްނޭހުން މިހާ ބޮޑަށް ފުޅާވާން މެދުވެރިވި ސަބަބަކީ ހަމަނުޖެހުންތަކުގެ ތެރެއަށް ސިޔާސީ ޕާޓީތަކުން ވަދެ ކުރިމަތިލުންތައް ހިންގަން ފެށުމުންނެވެ. މިގޮތުން ސަރުކާރު ހިންގާ އަވާމީ ލީގަށް ތާއީދުކުރާ ބައިގަނޑުތައް ވަކިވަކި ދަރިވަރުންނަށް ކަތިވަޅިން ހަމަލާދިނުން ވަނީ ވަކިން ބޮޑު މައްސަލައަކަށް ވެފަ އެވެ.
ބަންގްލަދޭޝްގެ މަގުތަކަށް ހަތިޔާރާ އެކު ސިފައިން ނެރުމުގެ އިތުރުން ސަރުކާރުގެ އަމުރަށް އިންޓަނެޓް ކަނޑާލައި މޯބައިލް ފޯނުގެ ހިދުމަތްވެސް ވަނީ ކަނޑާލާފަ އެވެ.
ހަމަނުޖެހުންތައް ހައްލުކުރުމަށް ކަމަށް ބުނެ ސަރުކާރުން މިހާތަނަށް ކުރި އެއްވެސް ކަމަކުން ހަމަނުޖެހުންތައް މައިތިރިވެފައެއް ނުވެ އެވެ.
މުޒާހަރާތައް ހުއްޓުވުމަށް ކޮލެޖުތަކާއި ސްކޫލްތައް ބަންދުކުރުމުން އެ ތަންތަނުން ދަރިވަރުން ނުކުންނާކަށް ބޭނުމެއް ނުވި އެވެ. ސަރުކާރާ މަޝްވަރާކުރުމަށް ދަރިވަރުން އެދުމުން ސަރުކާރުން އެ ފުރުސަތެއް ނުދިނެވެ.
ސިވިލް ސާވިސްއަށް މުވައްޒަފުން ނެގުމުގައި ވަކި ބަޔަކަށް 30 ޕަސެންޓް ހާއްސަކުރުމުގެ ބަދަލުގައި ތައުލީމު ހޯދައިގެން ތިބި ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ދިނުމަށް އެދުމުން ސަރުކާރުން ފުރަމަ ހެދީ ދެކޮޅެވެ.
ދަރިވަރުންގެ ކަންބޮޑުވުމަކީ ވަޒީފާ ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ޕާކިސްތާންގެ ކިބައިން މިނިވަންވުމަށް ބަންގުލަދޭޝްއިން 1971 ގައި ކުރި ހަނގުރާމާގައި ބައިވެރިވި ސިފައިންނާއި މުޖާހިދުން އަދި އެ މީހުންގެ ދަރިން އަދި ދަރިންގެ ދަރިންނަށް ކަމަށް ބުނެ 1972 އިން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނުގެ ސަބަބުން ތައުލީމީ ދަރިވަރުންނަށް ވަޒީފާ ނުލިބި ބާކީވާތީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޯގަސްޓް ހަތެއްގައި ސްޕްރީމް ކޯޓުގައި އޮންނަ ވަޒީފާ ކޯޓާއާ ބެހޭ މައްސަލާގައި 30 ޕަސެންޓް 20 ޕަސެންޓަށް ބަދަލުކުރާނެ އެވެ.