ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިންމު މަޝްރޫއުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ބަޔާންކޮށްފައިވާ މަޝްރޫއެއްގެ މުގާބިލުގައި ރަށްރަށާއި ބިންބިމާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ކްރޮސް ސަބްސިޑީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލާފައި މިވަނީ ކްރޮސް ސަބްސިޑީ އުސޫލުން ދޭ ބިމުގެ އަގު 10 މިލިއަން ޑޮލަރަށްވުރެ އިތުރުނަމަ އަގު ދެއްކުމުގައި ލުއި ދެވޭ ގޮތަށް ގަވާއިދަށް މި ހަފުތާގައި ބަދަލު ގެނެސްފައިވަނި ކޮށެވެ.
ގަވާއިދަށް ގެނައި ބަދަލާއެކު ކްރޮސް ސަބްސިޑީ އުސޫލުން ދޫކުރާ ރަށެއް ނުވަތަ ފަޅަކަށް ނުވަތަ ބިމަކަށް ޖެހޭ ޖުމްލަ އަދަދު 10 މިލިއަން ޑޮލަރަށްވުރެ ބޮޑުވާ ނަމަ އެ އަދަދުގެ 50 ޕަސެންޓް ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދައްކަން ޖެހޭނެ އެވެ. އަދި ބާކީ ދައްކަންޖެހޭ ފައިސާ ބަހާލައިގެން މި އަހަރުގެ ނިޔަލަށް ދެއްކޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.