މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

ބައިނަލްއަގްވާމީ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވަނީ

ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާޓްސް މިނިސްޓަރު އިބުރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެ އެވެ.

އަންވެލިން ވިޒަންސް އާޓް އެގްޒިބިޝަންގެ ތެރެއިން އާޓިސްޓުންނާ ރޭ ބައްދަލުކުރައްވާ މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ ފަންނުވެރިކަމާ ގުޅޭ ކަންކަން ކުރި އެރުވުމަށްޓައި ބައިނަލްއަގްވާމީ ފެންވަރުގެ ސްކޫލެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ސްކޫލު އެޅުމާ ގުޅޭ ކަރުދާހު މަސައްކަތް ކަމަށާއި މިކަން ހަގީގަތަކަށް ހެދޭނެ ކަމަށެވެ.

"ފަންނީ ބޭފުޅުންނާއެކު މަޝަވަރާކުރެވި ގިނަ މަސައްކަތްތަކެއް [މިކަމުގައި] ކުރެވެމުން އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އިބްރާހީމް ވަހީދު ވިދާޅުވީ މި ސްކޫލު އެޅުމާއެކު ފަންނުވެރިންގެ މަސައްކަތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލުތަކެއް ލިބޭނެ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިދައުރަކީ ފަންނުވެރިންނަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނޭ ދައުރެއް ކަމުގައިވެސް ވިދާޅުވި އެވެ.