އެޗްޑީސީ

ހަތް ދާއިރާއަކުން އެޗްޑީސީ އިން އެޕްރެންޓިސްޝިޕް ފުރުސަތު ހުޅުވާލައިފި

ތަފާތު ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީންކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ހުނަރު ޕްރޮގްރާމްގެ ދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ތަފާތު ހަތް ދާއިރާއަކުން މަސައްކަތްތެރިން ތަމްރީނުކުރުމުގެ މަގުސަދުގައި ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ އަމަލީ ތަޖުރިބާ ކުރިއަށް ގެންދާނީ އެޗްޑީސީގެ ފަންނީ މުވައްޒަފުންގެ ބެލުމުގެ ދަށުން ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ނެޝަނަލް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރާ ސެޓްފިކެޓެކެވެ.

މީގެ އިތުރުން ހަ މަސްދުވަހުގެ ޕްރޮގްރާމަށް ފަހު ފުރުސަތު އޮތް މިންވަރަކުން ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެޗްޑީސީ އިން ބުނެ އެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްދާ ދާއިރާތައް

  • ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން
  • ހެލްތް އެންޑް ސޭޕްޓީ އިން ކޮންސްޓްރަކްޝަން
  • ފްރަންޓް އޮފީސް
  • ގާޑްނިން
  • ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޒަން
  • މޭސަންރީ
  • އިލެކްޓްރިކަލް އިންސްޓޮލޭޝަން

އެޗްޑީސީ އިން ބުނި ގޮތުގައި އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ގްރޭޑް 10 ނިންމާފައިވާ ނުވަތަ ލެވެލް ދެއެއްގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ މީހުންނަށެވެ.

މި ޕްރޮގްރާމްގެ މުއްދަތުގައި ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ އެވެ.

ރާއްޖޭގައި ބިދޭސީ މުވައްޒަފުން މަސައްކަތް ކުރާ ނިސްބަތް މަދުކުރުމަށާއި ތަފާތު ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީންކުރުމުގެ ބޭނުމުގައި ހިންގާ މި ޕްރޮގްރާމް ކުރިއަށް ދަނީ އެޗްޑީސީ އާއި ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމެންޓް އޮތޯރިޓީ އަދި ހަޔާ އެޑިއުކޭޝަން ގުޅިގެންނެވެ.

ތަފާތު ދާއިރާތަކުން މަސައްކަތްތެރިން ތަމްރީނު ކުރުމަށް އެޗްޑީސީ އިން އަބަދުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.