ހަބަރު

އައްޑޫ އަންހެނުންނަށް ސެލްފް ޑިފެންސް ދަސްކޮށްދީފި

އައްޑޫ ވިމެން އެސޯސިއޭޝަން (އޭޑަބްލިއުއޭ) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަން ގުޅިގެން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރަން ފަޔަ އެންދް ރެސްކިއު ޕްރޮގްރާމަކާއި ސެލްފް ޑިފެންސް ޕްރޮގްރާމެއް މިއަދު ބާއްވައިފި އެވެ.

އައްޑޫ ވިމެން އެސޯސިއޭޝަންގެ ސެކްޓްރީ ޖެނަރަލް ޝަފްގާ ޝަފީގު ބުނީ އޭޑަބްލިއުއޭ އަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ޖަމިއްޔާއެއް ކަމަށާއި މި ފުުރސަތުގައި އެޖަމިއްޔާގެ ރައީސާ ޑރ. މަރިޔަމް ޝަކީލަ އާއި ނައިބު ރައީސާ ޖުވޭރިޔާ ވަޖުދީ އަންހެނުންގެ ތަރައްގީއަށް ކޮށްދެއްވާ ބުރަ މަސައްކަތް ފާހަގަ ކުރައްވާ ކަމަށެވެ. އަދި އައްޑޫ ހުރިހާ ރައްޔިތުންގެ ނަމުގައި ހާއްސަ ޝުކުރެއް އަދާކުރަން ޖެހޭ ކަމަށެވެ.

އައްޑޫ ވެމެންސް އެސޯސިއޭޝަނަކީ މަސައްކަތްތެރި އަންހެނުންތަކެއް ބިނާކުރުމާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އެ އެސޯސިއޭޝަނުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އެކިއެކި ރޮނގުތަކުން ގިނަ އަދަދަކަށް އަންހެނުން ތަމްރީނުކުރުމާ އެކިއެކި ޕްރޮގްރާމްތައް ހިންގާފައިވެ އެވެ.

އެޖަމިއްޔާއިން ދާދިފަހުން ވަނީ އަންހެނުންނާއި ކުޑަކުދިންނަށްކުރާ އަނިޔާއާ ދެކޮޅަށް ކަލެންޑަރެއް ވެސް ޕަބްލިޝްކޮށްފަ އެވެ. އަދި ދާދި ފަހުން ވަނީ އިންޑިއާގައި ކުރިއަށް ގެންދިޔަ "ސޫރަޖް ކުންޑް އިންޓަނޭޝަނަލް ފެއާ 2016" ގައި ރާއްޖެ ތަމްސީލުކޮށްފަ އެވެ.