ބޮލީވުޑް

ބޮލީވުޑްގެ އަންހެން ތަރިންގެ ހުނަރު ބަލައެއް ނުގަނޭ: ސުދީރް

ބޮލީވުޑްގައި މަސައްކަތްކުރާ އަންހެން ފިލްމީ ތަރިންގެ ހުނަރު ފުރިހަމައަށް ބަލައި ނުގަންނަ ކަމަށް ފިލްމު ޑިރެކްޓަރު އަދި ސްކްރީންރައިޓަރު ސުދީރް މިޝްރާ ބުނެފި އެވެ.

ދާދި ފަހުން "އަންފިލްޓާޑް" އަށް އޭނާ ދިން އިންޓަވިއުއެެއްގައި ބުނީ ވަހީދާ ރަހްމާން ފަދަ ހުނަރުވެރި ތަރިންގެ ފަންނުވެރިކަން ބޭނުންކުރެވޭނެ އެންމެ ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު ނުދޭ ކަމަށެވެ.

ސުދީރް ބުނީ ދިލިޕް ކުމާރު ފަދަ ފިރެހެން ފިލްމީ ތަރިންނަކީ ގިނަގިނައިން ފާހަގަކުރާ ތަރިންނަށް ވާއިރު، އެފަދައިން އަންހެނުންގެ ހުނަރު ފާހަގަ ނުކުރާ ކަމަށެވެ. އަދި ސުދީރް ވަނީ ވަހީދާ އަކީ ނެށުމާއި، އެކްޓްކުރުމާއި، ޑްރާމާތަކުގައިވެސް ތަފާތު ހުނަރުތަކެއް ދައްކާފައިވާ މޮޅު ފަންނުވެރިއެއް ކަމަށެވެ.

އޭނާ ބުނީ އެފަދަ އެތައް އަންހެނުންނެއް ބޮލީވުޑްގައި ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އަންހެން ފަންނާނުންގެ ހިދުމަތް ބަލައިގަނެ އެންމެ ރަނގަޅަށް އަގުވަޒަން ކުރާ ތަން ނުފެންނަ ކަމަށެވެ.

ނަމަވެސް އޭނާ ވަނީ އަންހެނުންނަށް ބޮލީވުޑްގައި ލިބޭ ފުރުސަތުތައް އިތުރުވަމުންދާ ފާހަގަކޮށްފަ އެވެ. މިގޮތުން އަންހެން ޑައިރެކްޓަރުންވެސް ގިނަވަމުންދާ ކަން އޭނާ ފާހަގަކުރި އެވެ.