ހަބަރު

އެހީގެ ޕޯސްޓުތަކުން އޮޅުވާލައިގެން ފައިސާ ހޯދަނީ

ސައްހަ ނޫން މައުލޫމާތު ބޭނުންކޮށްގެން އެހީގެ ޕޯސްޓުތައް ހަދައި، އާންމުންނަށް އޮޅުވާލައިގެން ފައިސާ ހޯދާ ސްކޭމުގެ މައްސަލަތައް ބޮޑުވެއްޖެ އެވެ.

ގަބޫލުކުރަން ފަސޭހަވާނެހެން އެކަމަކު ދޮގު މައުލޫމާތު ބޭނުންކޮށްގެން ހަދާފައި ހުންނަ މިފަދަ ޕޯސްޓުތަކެއް މި މަސް ފެށުނީއްސުރެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް ގައި އަންނަނީ ދައުރުކުރަމުންނެވެ.

މިފަދަ ޕޯސްޓުތައް ފެނި، ބައެއް މީހުން މިފަދަ ސްކޭމްތަކަށް ހެއްލި ފައިސާ ޖަމާކޮށްފައިވީ ނަމަވެސް މި ޕޯސްޓުތަކަކީ ރާއްޖެއިން ބޭރު މީހުންގެ ފޮޓޯއާއި ދޮގު މައުލޫމާތު ބޭނުންކޮށްގެން ހަދާފައި ހުންނަ ޕޯސްޓުތަކެކެވެ.

މިފަދަ ހުރިހާ ޕޯސްޓެއްގައިވެސް ގުޅޭނެ ނަންބަރާއި އާއިލާގެ މީހުންގެ ނަންބަރު ޖަހާފައި ހުރެ އެވެ. ނަމަވެސް މިއީ ސައްހަ މައުލޫމާތެއް ނޫނެވެ. އަދި ނޫހެއްގައި އެކަމާ ބެހޭ ހަބަރު ޖަހާފައި ހުންނަ ކަމަށް ބުނެ ޝެއާކޮށްފައި ހުންނަ ލިންކަކީވެސް ވަދެވޭ ސައްހަ ލިންކުތަކެއް ނޫނެވެ.