މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ނަމުގައި ސްކޭމް މެއިލްތަކެއް، ސަމާލުވޭ

Jul 22, 2024

ފުލުހުންގެ ނަމުގައި ސްކޭމް މެއިލްތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުން ނުވަތަ ކޮމިޝަނާ އޮފް ޕޮލިސްގެ ފަރާތުން އަންގާ އެންގުމެއް ކަމަށް ސިފަވާ ގޮތަށް ބައެއް މީހުންނަށް އީމެއިލްތަކެއް ލިބެމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ ނަމުގައި ފޮނުވި މެއިލްގެ ސްކްރީންޝޮޓެއް ހިއްސާކުރައްވާ ޝިފާން ވިދާޅުވީ ދައުރުވަމުންދާ އީމެއިލްތަކަކީ އެ މުއައްސަސާއިން ފޮނުވަމުން ގެންދާ މެއިލްތަކެއް ނޫން ކަމަށެވެ.

"މިފަދަ މެއިލްތައް ފޮނުވުމަކީ މަކަރާއި، ހީލަތް ހަދައި އޮޅުވާލައިގެން ނަހަމަ ގޮތެއްގައި ފައިދާ ހޯދާ ފަރާތްތަކުން ބޭނުންކުރާ އާއްމު އުކުޅެއް،" ޝިފާން ވިދާޅުވި އެވެ.

މިފަދަ މެއިލްތަކަށް ރިޕްލައިކޮށް، ހިމެނޭ ލިންކުތަކަށް ނުފިތުމަށް ޝިފާން ވަނީ އިލްތިމާސްކުރައްވާފަ އެވެ.