ފީފާ

އެފްއޭއެމް ހިންގުން ނޮމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ނިންމައިފި

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ -- އެފްއޭއެމް ހިންގުން ނޮމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރުމަށް ފީފާ އިން ނިންމައިފި އެވެ.

ފީފާ އިން މިއަދު މިގޮތަށް ނިންމާފައި މިވަނީ އެފްއޭއެމްގެ ރައީސްގެ ގޮތުގައި އެންމެ ފަހުން ހުންނެވި ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނުވަ މަސް ދުވަހަށް ސަސްޕެންޑް ކުރުމަށްފަހު އެވެ.

ފީފާގެ މިއަދުގެ ނިންމުން އައިސްފައި މިވަނީ އެންމެ ފަހުން އިންތިހާބުކޮށްފައި އޮތް އެފްއޭއެމްގެ އެކްސްގެ ދައުރު މިމަހުގެ ދެވަނަ ދުވަހަށް ހަމަވެފައި ވަނިކޮށެވެ.

ފީފާއިން އެފްއޭއެމް ނޮމަލައިޒް ކުރުމަށް ނިންމި ނަމަވެސް ނޮމަލައިޒް ކޮމިޓީ އަދި އެކުލަވާލާފައެއް ނުވެ އެވެ. ފީފާ އިން ނިންމާފައިވަނީ އަންނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް އެފްއޭއެމްގައި ހުރި މައްސަލަތައް ހައްލުކުރުމަށް ނޮމައިލައިޒް ކޮމިޓީއަށް ވަގުތު ދިނުމަށެވެ.

ނޮމަލައިޒޭޝަން ކޮމިޓީ އެކުލަވާލާނީ ފީފާ އިންނެވެ. ކޮމިޓީ އެކުލަވާލުމަށްޓަކައި ރާއްޖޭގެ ފުޓްބޯޅައިގައި އެކި މަރުހަލާތަކުގައި މަސައްކަތްކޮށްފައިވާ ބައެއް ބޭފުޅުންގެ ސީވީ ފީފާ އިން ހޯދާފައިވާ ކަަމަށް އެނގިފައިވެ އެވެ.

ފީފާއިން ވަނީ ރާއްޖޭގެ އިތުރުން ޓިއުނީޝިއާގެ މައި ފުޓްބޯޅަ އިދާރާގެ ހިންގުންވެސް ނޮމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރުމަށް މިއަދު ނިންމާފަ އެވެ.