އުރީދޫ

އުރީދޫ އިން އޮފީސްތަކަށް އީސްޕޯޓްސް މުބާރާތެއް އިއުލާނުކޮށްފި

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި އޮފީސްތަކުގެ ޓީމްތައް ހާއްސަކޮށްގެން މަގުބޫލު ތިން ގޭމެއް ކަމަށްވާ އީއޭއެފްސީ24، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޮބައިލްގައި ހިމެނޭ އީސްޕޯޓްސް މުބާރާތް -- އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތް އިއުލާނުކޮށްފި އެވެ.

އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތަކީ އީސްޕޯޓްސްގެ ކޮމިއުނިޓީއަށް ހިތްވަރުދީ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ރޭވި މުބާރާތެކެވެ. މި މުބާރާތަކީ މުވައްޒަފުންގެ ގޭމިން ހުނަރު ދައްކާލައި، ޓީމްވޯކް އިތުރުކޮށް، އެކުވެރިކަން އުފެއްދުމަށް ރަނގަޅު މުބާރާތެކެވެ.

އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މި މުބާރާތްތައް ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައިވާއިރު ސަޕޯޓަރުންނާއި އެކުވެރިންނަށް އެމީހުންގެ ޓީމުތަކަށް ތާއީދުކުރުމުގެ ދައުވަތު އުރީދޫ އިން ވަނީ ދީފަ އެވެ.

މުބާރާތުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އޮގަސްޓް ދެވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ.

މުބާރާތުގެ ހައިލައިޓްސް:

ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޭ ސްޕޯޓްސްގެ އެންމެ ފަހުގެ ފުޓްބޯޅަ ސިމިއުލޭޝަން ގޭމް އެފްސީ24 ގައި ހުނަރު ސާބިތުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ރިއަލިސްޓިކް ގޭމްޕްލޭ އާއި ވާދަވެރި ފީޗާތަކާ އެކު ބައިވެރިންނަށް ވާޗުއަލް ފުޓްބޯޅައިގެ ހުނަރު ދައްކާލުމަށް މިއީ ފުރިހަމަ މުބާރާތެކެވެ.

އީއޭއެފްސީ މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000ރ. އެވެ. އުރީދޫ ނޭޝަންގެ ވެބްސައިޓުން މި މުބާރާތުގައި ރަޖިސްޓްރީވެވޭނެ އެވެ.

މި މުބާރާތުގެ އިނާމުތަކުގެ ތެރޭގައި އެއްވަނަ އިނާމަކަށް 10،000ރ. ދެވަނަ އިނާމަކަށް 6،000ރ. އަދި ތިންވަނަ އިނާމަކަށް 4،000ރ. ހުށަހަޅާފައިވެ އެވެ.

މަޝްހޫރު މޮބައިލް މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމް، އެމްއެލްބީބީގައި ޓީމްތަކުން ހަނގުރާމަތަކުގައި ބައިވެރިވާނެ އެވެ. ޓީމުތައް މޮޅުވުމަށް ވާދަކުރާއިރު ސްޓްރެޓެޖީ، ކޯޑިނޭޝަން އަދި ކުއިކް ރިފްލެކްސް މުހިންމުވާނެ އެވެ.

މި މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 10،000ރ. އެވެ. އުރީދޫ ނޭޝަންގެ ވެބްސައިޓުން މި މުބާރާތުގައި ރަޖިސްޓްރީވެވޭނެ އެވެ.

މި މުބާރާތުގެ އެއްވަނައަށް 4،000ރ. ހުށަހަޅާފައިވާއިރު ދެވަނަ އިނާމަކަށް 3،000ރ. އަދި ތިންވަނަ އިނާމަކަށް 2،000ރ. ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާއަށް 1،000ރ. ރުފިޔާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

ޕަބްޖީ މޮބައިލް: ބެޓްލް ރޯޔަލް އެރީނާއަކަށް ކުޅުންތެރިން ޕެރަޝޫޓް ކުރާއިރު، އެ ތަނުގައި ވާދަވެރިން ފަހަތަށް ޖައްސާލަން ޖެހެނީ ޗިކަން ޑިނާ ހޯދުމަށެވެ.

ޕަބްޖީ މޮބައިލްގެ ހަލުވި އެކްޝަން އަދި ޓެކްޓިކަލް ގޭމްޕްލޭގެ ސަބަބުން ބައިވެރިން ވިސްނައިގެން ކުޅެގެން ނޫނީ މޮޅުވުމުގެ ފުރުސަތު ގެއްލިދާ ނެއެވެ.

މި މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000ރ. އެވެ. އުރީދޫ ނޭޝަންގެ ވެބްސައިޓް މެދުވެރިކޮށް މި މުބާރާތުގައި ރަޖިސްޓްރީ ކުރެވޭނެ އެވެ.

މި މުބާރާތުގެ އެއްވަނަ އިނާމަކަށް 8،000ރ. ހުށަހަޅާފައިވާއިރު ދެވަނަ އިނާމަކަށް 5،000ރ. ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން ތިންވަނައަށް 3،000ރ. ހުށަހަޅާފައިވާއިރު ހަތަރުވަނައަށް 2،000ރ. އަދި ފަސްވަނައަށް 1،000ރ. ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް 1،000ރ. ވަނީ ހުށަހަޅާފަ އެވެ.

އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތުގައި ޓީމްތައް ރަޖިސްޓްރީކޮށް މުބާރާތުގައި ބައިވެރިވުމަށް ވަނީ ހުޅުވާލާފަ އެވެ. އުރީދޫ އިން ބުނި ގޮތުގައި މުބާރާތުގައި ރަޖިސްޓްރީކުރުމުގެ ތަފްސީލާއި އިތުރު މައުލޫމާތު އުރީދޫ ނޭޝަންގެ ރަސްމީ ވެބްސައިޓުން ލިބޭނެ އެވެ.