ރައީސް މައުމޫން އަބްދުލްގައްޔޫމް

"ހުރިހާ ގައުމަކަށްވުރެ ޗައިނާގެ ހުށަހެޅުންތައް ޝައުގުވެރި"

ރާއްޖެއިން ވިޔަފާރީގައި ހުރިހާ ގައުމަކަށްވެސް މަރުހަބާ ކިޔާނެ ކަމަށާއި އެކަމަކު ހުރިހާ ގައުމަކަށްވުރެވެސް ޗައިނާގެ ހުށަހެޅުންތައް ޝައުގުވެރި ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ވިޔަފާރީގައި ރާއްޖެއިން ހުރިހާ ގައުމަކަށް މަރުހަބާ ކީ ނަމަވެސް އެގައުމުތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ޝައުގުވެރި ޕްރޮޕޯސަލް ތަކަކަށް ވާން ޖެހޭނެ ކަމަށެވެ.

"ރާއްޖެ އަކީ ތަރައްގީއަށް ބޭނުންވާ އަދި ތަރައްގީ ވަމުން އަންނަ ގައުމެއް. ހުރިހާ ގައުމަކަށްވެސް ވިޔަފާރީގައި އަހަރުމެން މަރުހަބާ ކިޔާނަން، އެކަމަކު އަހަރުމެން އެންމެ އިސްކަމެއް ދޭނީ އެންމެ ކޮލިޓީ އަދި ޝައުގުވެރި ޕްރޮޕޯސަލަކަށް" މައުމޫން ވިދާޅުވި އެވެ. މައުމޫން ވަނީ ޗައިނާއަށް ދިވެހި ސަރުކާރުން އިސްކަން ދެމުން ގެންދާ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފަ އެވެ.

މައުމޫން އިތުރަށް ވިދާޅުވީ ޗައިނާގެ ޕްރޮޕޯސަލްތަކަށް ޝައުގުވެރިވީ ނަމަވެސް އިންޑިއާ އާއަކީ ރާއްޖެއަށް މުހިއްމު ބައިވެރިއެއް ކަމަށާއި އިންޑިއާ އާއި އޮންނަ ގުޅުން އަބަދުވެސް އޮންނާނެ ކަމަށެވެ.

އޮބްޒާވާ ރިސާޗް ފައުންޑޭޝަންގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މައުމޫންވަނީ އިސްލާމް އަ ރިލީޖަން އޮފް ޕީސްގެ ނަމުގައި އިއްޔެ ތަގުރީރު ކުރައްވާފައެވެ. މި ތަގްރީރުގައި އައިއެސްއިން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް އެމީހުން އެކުރަނީ "ޖިހާދެއް" ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.