ރާއްޖޭގައި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުނުކުރުމުގެ ސަގާފަތެއް އެބައޮތް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލާފައިވާ "މާލެ ފަހި" ޕްރޮގުރާމް އިފްތިތާހު ކުރުމަށް ދަރުބާރުގެގައި ރޭ ބެއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިހްސާން ވިދާޅުވީ ގާނޫނުތަކާއި ގަވައިދުތަކަކީ އެންމެންވެސް އެއަށް އިހްތިރާމު ކުރަންޖެހޭނެ އެއްޗެއް ކަމަށެވެ.
"ނަމަވެސް ހިތާމައަކީ ގާނޫނުތަކާއި ގަވައިދުތަކަށް ނޫޅުމުގެ ސަގާފަތެއް ރާއްޖޭގައި އޮތްކަން،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅަނދު ރަޖިސްޓަރީ ކުރުމާއި ފޭކު ނަމްބަރު ބޯޑު ޖައިގެން ދުއްވުމާއި އަދި މާލެ ސަރަހައްދުގައި ހުރި ޓްރެފިކުގެ މައްސަލަ ތަކަކީ އެކަންކަން ހައްލުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަންތައްތަކެއް ކަމަށެވެ.
"ގާނޫނާއި ގަވާއިދަށް ނޫޅުމުގެ މިފަދަ ސަގާފަތެއް ރާއްޖޭގައި އެބައޮތް. މިސަގާފަތް ބަދަލުކުރުމަށް ރައީސް ވަނީ އަންގަވާފައި،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަގުމަތީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޓްރެފިކް ޕޮލިސް އަލުން އުފައްދައި ޓުރެފިކާ ގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އެގޮތުން ޓްރެފިކާ ގުޅުންހުރި މައްސަލަތައް ހައްލުކުރެވެން ގާނޫނާއި ގަވައިދާ ހިލާފަށް ދުއްވާ އަދި ބަހައްޓާފައި އުޅަނދުތައް ޓޯ ކުރާނެ ކަމުގައި ވިދާޅުވި އެވެ.
މާލެ ފަހި ޕޮރޮގްރާމް ގައި ހިމެނޭ ހުރިހާ ކަމެއް ފުރިހަމަކޮށްދިނުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުގައި ހުރި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް އިހުސާން ވަނީ ދެއްވާފަ އެވެ.