ދުނިޔެ

ބަންގުލަދޭޝްގައި ކާފިއު ކުރިއަށް، އިތުރު ބަޔަކު ހައްޔަރުކޮށްފި

ބަންގްލަދޭޝްގައި ހިންގަމުންދާ ހަމަނުޖެހުންތައް އެ ގޮތުގައި އަދިވެސް ދަނީ ކުރިއަށެވެ. ސިވިލް ސާވިސް ވަޒީފާ ދިނުމުގައި ވަކި ބަޔަކަށް އިސްކަންދޭ ކަމަށް ބުނެ ދަރިވަރުން ފެށި ހަމަނުޖެހުންތައް މިހާރު ވަނީ މުޅި ގައުމަށް ފެތުރިފަ އެވެ.

ދާހިލީ ވަޒީރު ހަސައްދުއްޒަމާން ޚާން ނޫސްވެރިންނަށް ވިދާޅުވި ގޮތުން ވެރިރަށް ޑާކާގައި އަދި އިތުރު ބައެއް އަވަށްތަކުގައި ކާފިއު ދެމި އޮންނާނެ އެވެ. ކާފިއު ދެމެހެއްޓުމަށް އަމަން ބަލަހައްޓާ އިދާރާތަކުން އޭނާއަށް ލަފާއަރުވާފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންގްލަދޭޝްގައި ދަރިވަރުން މުޒާހަރާކުރަން ފެށި ސަބަބަކީ ސަރުކާރުން ވަޒީފާ ދިނުމުގައި، ތައުލީމީ ފެންވަރަށް ބެލުމެއް ނެތި ވަކި ބަޔަކަށް އިސްކަންދޭތީ އެވެ. މި ހަމަނުޖެހުންތައް މަޝްވަރާކޮށްގެން ހަމައަކަށް އެޅެން އުޅެނިކޮށް އަނެއްކާ ވަނީ ފުޅާވެފަ އެވެ.

މިފަހަރު މައްސަލައަކަށްވީ މުޒާހަރާކުރާ ދަރިވަރުންނަށް ނިސްބަތްކުރަައްވައި ބޮޑުވަޒީރު ޝައިޚް ހަސީނާ ދެއްކެވި ވާހަކަތަކެވެ. އޭނާގެ ވާހަކަތަކުގައި މުޒާރަރާ ކުރަނީ ޚާއިނުން ކަމަށް ވިދާޅުވި އެވެ.

ހަސީނާ ވިދާޅުވީ ގައުމުގައި ހަމަނުޖެހުން ހިންގަނީ ޕާކިސްތާނާ ގުޅިގެން އުޅޭ ބައިގަނޑެއް ކަމަށާއި މިނިވަން ދައުލަތެއް ގޮތުގައި ބަންގްލަދޭޝް އޮތުމަކީ ކޮންމެވެސް ބަޔަކަށް އޮތް ކަންބޮޑުވުމެއް ކަމަށެވެ.

ބަންގްބުލަދޭޝްގައި ސިވިލް ސާވިސް ވަޒީފާ ދިނުމުގައި އަމަލުކުރަނީ 1972 ގައި އެކުލަވާލާއި އޮތް ގާނޫނަކަށެވެ. މި ގާނޫނު ބުނާ ގޮތުން ވަޒީފާ ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ޕާކިސްތާންގެ ކިބައިން މިނިވަންވުމަށް ބަންގުލަދޭޝްއިން 1971 ގައި ކުރި ހަނގުރާމާގައި ބައިވެރިވި ސިފައިންނާއި މުޖާހިދުންނާއި އެ މީހުންގެ ދަރިން އަދި ދަރިންގެ ދަރިންނަށެވެ.

މިގޮތުން ވަޒީފާދިނުމުގައި ތައުލީމީ ފެންވަރަށް ބަލާކަށް ނުޖެހެ އެވެ. އަދި ވަޒީފާތަކުގެ 30 ޕަސެންޓް ހާއްސަކުރަން ޖެހޭނީ އެ މީހުންނަށެވެ. މީގެ އިތުރުން އަންހެނުންނަށާއި ކުޑަކޮށް ތަރައްގީވެފައިވާ އާބާދީތަކަށްވެސް ވަކި ޕަސެންޓެއް ވަނީ ހާއްސަކޮށްފަ އެވެ.