ހުޅުމާލެ

ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވާ މަގަކަށް

ހުޅުމާލޭގެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ ބަގީޗާ ހިނގުން އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށް މާދަމާ އިން ފެށިގެން އެގޮތަށް އަމަލުކުރަން ނިންމައިފި އެވެ.

މިބަދަލާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން މިހާރު ކުރިއަށްދަނީ ބަގީޗާ ހިނގުން އެއްކޮޅަށް ދުއްވޭ މަގަކަށް ހެދުމަށް މަގުގައި ލައިން ކުރެހުމާއި ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތެވެ. މިމަސައްކަތް އެއްކޮށް ނިންމައި، މާދަމާ އިން ފެށިގެން މި މަގު އާންމުންނަށް ހުޅުވާލުމަށް މިހާރު ވަނީ ނިންމާފަ އެވެ.

ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު ރައްކާތެރި ތަނަކަށް ހެދުމަށް، ހުޅުމާލޭގެ ޖުމްލަ 11 ސަރަހައްދަކަށް ބަދަލު ގެނައުމަށް އެޗްޑީސީ އިން ވަނީ ނިންމާފަ އެވެ.

މިމަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު ބާކީ 10 ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނައުމަށް ބައެއް ސަރަހައްދުތަކުގައި ވައްބުރު - ރައުންޑެބައުޓްސް ގާއިމުކޮށް ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް އެޗްޑީސީ އިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އެޗްޑީސީ އިން ބުނީ މިބަދަލުތައް ގެންނަން ނިންމީ، ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވުމާއި މަގު ބޭނުންކުރާ މީހުންނަށް ދަތިތަކެއް ކުރިމަތިވާތީ ކަމަށެވެ. މިމަސައްކަތުގެ ތެރެއިން ބަދަލު ގެންނާނެ ސަރަހައްދުތަކެއް ކަނޑައެޅީ ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި ސަރަހައްދުތަކަށް ބެލުމަށްފަހު ކަމަށްވެސް އެޗްޑީސީ އިން މައުލޫމާތު ދީފައިވެ އެވެ.

އެޗްޑީސީ އިން ބުނީ ޓެރްފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވާ 11 ސަރަހައްދަށް ގެންނަ ބަދަލުތަކުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހަދައިދެވޭނެ ކަމަށެވެ.

"މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށެވެ." އެޗްޑީސީ އިން ބުނެފައިވެ އެވެ.