ދުނިޔެ

ފަރަންސޭސި ރޭލު ދަގަނޑަށް ހަމަލާދިނީ އީރާން: އިޒުރޭލު

ފަރަންސޭސިވިލާތުގެ ރޭލު ނެޓޯވޯކުގައި ރޯކޮށްލީ އީރާންއާ ގުޅުން އޮތް ގުރޫޕަކުން ކަމަށް އިޒުރޭލުގެ ހާރިޖީ ވަޒީރު އިޒްރައިލް ކަޒް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖާސޫސީ މައުލޫމާތުތައް އިނގިލި ދިއްކުރަނީ އީރާނާ ދިމާއަށް ކަމަށެވެ.

ފަރަންސޭސި ރޭލު ނެޓޯވޯކު ކޮންޓްރޯލް ބޯޑުތަކުގައި ހުޅުޖަހައި ރޯކޮށްލާފައި މިވަނީ އޮލިމްޕިކްސް 2024 ކުޅިވަރު މުބާރާތް ފެށެން މަދު ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.

މި ހާދިސާގެ ސަބަބުން ރޭލު ސްޓޭޝަންތަކުގައި މީހުން ތޮއްޖެހި ވަނީ ބޮޑު ހައިޖާނަކަށް ވެފަ އެވެ.

އިޒުރޭލު ބުނާ ގޮތުން އީރާނަކީ އަބަދުވެސް ފަނާކުރަނިވި ބައެކެވެ. އީރާނާ ގުޅުން ހުރި އިތުރު ޓެރަރިސްޓް ހަމަލާތައް ޕެރިހުގައި ހިންގަފާނެ ކަމަށް ބެލެވޭ ކަމަށްވެސް އިޒުރޭލުން ބުންޏެވެ.

އިޒުރޭލުގެ ވަޒީރު ވިދާޅުވި ގޮތުގައި އީރާންގެ ނުރައްކާ އޮތް މިންވަރާ ބެހޭ ގޮތުން ފަރަންސޭސި ހާރިޖީ ވަޒީރަށް އިންޓެލިޖެންސް މައުލޫމާތު އިޒުރޭލުން ވާނީ ދީފަ އެވެ. އެއީ އެފަދަ އިތުރު ހަމަލާތަކެއް ހިންގުމުގެ ކުރިން ހުއްޓުވުމަށެވެ.

ރޭލު ނެޓްވޯކަށް ދިން ހަމަލާގައި ބައިވެރިވެފައިވަނީ އެކަކު ދެމީހަކު ނޫން ކަމަށް ފަރަންސޭސިވިލާތުން ތުހުމަތުކުރެ އެވެ.

މި ހާދިސާ ހިިންގާފައިވާ ގޮތުން ބޮޑަށް ބެލެވެނީ އިތުރު ބައެއްގެ އެހީތެރިކަން ހޯދާފައި އޮތް ކަމަށް ކަމަށްވެސް ފަރަންސޭސި ހާރިޖާ ވަޒީރު ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޮލިމްޕިކްސް މުބާރާތްތައް ނިމެންދެން ފަރަންސޭސިވިލާތުގައި އިޒުރޭލު ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާނެ އެވެ. ބޭނުމަކީ ކުޅިވަޅު މުބާރާތްތަކަށް ހުރަސް ނޭޅި ކުރިއަށް ދިއުމެވެ.

އިޒުރޭލުގެ މި ތުހުމަތަށް އީރާނުން އަދި ރަސްމީ ބަހެއް ނުބުނެ އެވެ. ފަރަންސޭސިވިލާތުން ވެސް އީރާނަށް ރަސްމީކޮށް ޝަކުވާއެއް ނުކުރެ އެވެ.

އީރާން ބަދުނާމުކޮށް އިޒުރޭލުން ވާހަކަދެއްކުމުގެ ބޭނުމަކީ، އީރާންއާ ދެކޮޅަށް ނުކުންނާނެ ގިނަ ބަޔަކު ތައްޔާރުކުރުމެވެ.