މާލޭގެ ގެއަކަށް މީހަކު ވައްދައި އެ މީހާ ބަރަހަނާކޮށް ފޭރުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމަހުގެ 24 ވަނަ ދުވަހު މާލޭގެ ގެއަކަށް މީހަކު ވައްދައި ބަރަހަނާކޮށް، ބިރުދައްކައިގެން އެ މީހާގެ ކޭޝް ކާޑުގެ ޕިން ހޯދުމަށްފަހު އެކައުންޓްގައިވާ ފައިސާ ފޭރުނު މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތުހުމަތުކުރެވޭ އުމުރުން 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު 30 ދުވަހަށް އަދި ދެވަނަ މީހާ 60 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގައި މީހުންނަށް ބިރުދައްކައިގެންނާއި ބްލެކްމެއިލްކޮށްގެން ފޭރުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. އެހެންވެ ފޭރޭ މީހުންނަށް ސަމާލުވުމަށާއި ނުދަންނަ މީހުން ބުނީމާ ނުދަންނަ ތަންތަނަށް ނުދިއުމަށް ފުލުހުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.