ބަންގްލަދޭޝްގައި މި މަހު ކުރީކޮޅު މަދަރުސާ ދަރިވަރުން ފެށި މުޒަހަރާތައް މައިތިރިވާން ފެށުމާ އެކު ބައެއް އަވަށްތަކުގައި ހިންގާފައި އޮތް ކާފިއުއަށް ސަރުކާރުން ލުއިދީފި އެވެ.
ނަމަވެސް މުޒަހަރާތަކުގައި ޒަޙަމްވެ އަނިޔާ ލިބުނު މީހުންގެ ތެރެއިން ބަޔަކު މަރުވެ، ހަމަނުޖެހުންތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 211 އަށް އަރާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހަމަނުޖެހުންތަކާ ގުޅިގެން މިހާރު މަރުވަނީ ޒަހަމްތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ ތެރެއިން ބޮޑެތި އަނިޔާ ލިބިފައިވާ މީހުންނެވެ.
މީގެތެރޭގައި ކަތިވަޅިން ހަލަލާދިފައިވާ މީހުންނާއި ވަޒަންއަރާފައި ތިބި މީހުން ހިމެނޭ ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ.
ބަންގުލަދޭޝްގެ ބައެއް ނޫސްތައް ބުނާ ގޮތުން މުޒާހަރާތަކުގައި މަރުވި މީހުންގެ ފުރިހަމަ އަދަދު ނޫސްތަކަކަށް ނުލިބެ އެވެ. ހަމަނުޖެހުންތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ހިއްސާކުރަން ސަރުކާރުން އެކުލަވާލާފައި އޮތް ކޮމިޓީން އެ މައުލޫމާތު ސިއްރުކުރާ ކަމުގެ ޝަކުވާތައް އޮތް ކަމަށްވެސް ނޫސްތަކުން ބުނެ އެވެ.
ސަރުކާރުން ބުނާ ގޮތުން ކާފިއު ގަޑިތަކަށް ލުއިދިން ނަމަވެސް ހަމަނުޖެހުމުގެ އަލާމާތްތައް ފެންނަނަމަ ފިޔަވަޅުތައް ހަރުކަށިކުރާނެ އެވެ. އަދި ކާފިއު މުޅިން އުވާލާނީ ހަމަނުޖެހުންތައް ހުއްޓާލައި ދަރިވަރުން މަދަރުސާތަކަށް ދާން ފެށުމުން ކަމަށްވެސް ބުންޏެވެ.
ދާހިލި ވަޒީރު އަސަދުއްޒަމާން ޚާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ކާފިއު އުވާލުމެވެ. އެކަމަށްޓަކައި އަމަން ބަލަހައްޓާ މުއްސަސާތަކުން ތައްޔާރުވަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ބަންގްލަދޭޝްގައި ދަރިވަރުން މުޒާހަރާކުރަން ފެށި ސަބަބަކީ ސިވިލް ސާވިސް ވަޒީފާ ދިނުމުގައި، ތައުލީމީ ފެންވަރަށް ބެލުމެއް ނެތި ސަރުކާރުން ވަކި ބަޔަކަށް އިސްކަންދޭތީ އެވެ.
ބަންގްބުލަދޭޝްގައި ސިވިލް ސާވިސް ވަޒީފާ ދިނުމުގައި އަމަލުކުރަނީ 1972 ގައި އެކުލަވާލާއި އޮތް ގާނޫނަކަށެވެ. މި ގާނޫނު ބުނާ ގޮތުން ވަޒީފާ ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ޕާކިސްތާންގެ ކިބައިން މިނިވަންވުމަށް ބަންގުލަދޭޝް އިން 1971 ގައި ކުރި ހަނގުރާމާގައި ބައިވެރިވި ސިފައިންނާއި މުޖާހިދުންނާއި އެ މީހުންގެ ދަރިން އަދި ދަރިންގެ ދަރިންނަށެވެ.
މިގޮތުން ވަޒީފާ ދިނުމުގައި ތައުލީމީ ފެންވަރަށް ބަލާކަށް ނުޖެހެ އެވެ. އަދި ވަޒީފާތަކުގެ 30 ޕަސެންޓް ހާއްސަކުރަން ޖެހޭނީ އެ މީހުންނަށެވެ. މީގެ އިތުރުން އަންހެނުންނަށާއި ކުޑަކޮށް ތަރައްގީވެފައިވާ އާބާދީތަކަށްވެސް ވަކި ޕަސެންޓެއް ވަނީ ހާއްސަކޮށްފަ އެވެ.