ވާހަކަ

މިލްކުވާނެބާ

( 25 ޖުލައި 2024 އާ ގުޅޭ )

"ކޮފީ." ރާހިން އަހާލި އެވެ. ހިނިތުންވުމަކާއެކު މާޔާ ބޯޖަހާލީ އެވެ.

"ފެނުނީމަ ހާދަ އުފާވެއްޖޭ. އެކޮޅުގައި އަހަރެން އެކަނި އުޅޭންވީމާ ވަރަށް ހަނދާންވޭ މާޔާ މަތިން. މިއަދު އޮފީހަށް ނުކުތުމުން ދުރުދުރުން ނަމަވެސް އަހަރެންނާ ހަމައަށް ސުވާލުތައް އައި. އެންމެންނަށް ވެސް އެނގޭ ތީ އަހަރެންނަށް ވަރަށް ޚާއްޞަ މީހެއްކަން... މާޔާ. ހިނގާ އިންނަން. މިހާރު މިވަގުތު ވެސް އަހަރެން ރެޑީ." ރާހިންގެ އަޑުގައި ސީރިއަސްކަމެއްވި އެވެ.

"ވަޓް!... ކޮންވާހަކައެއް ކުއްލިއަކަށް ތިފެށީ." މާޔާއަށް ބުނެވުނެވެ.

"ލެޓްސް ގިވް އެވްރިވަން އަ ސަޕްރައިޒް. އެންމެން ވެސް ހީކުރަނީ މާޔާ ތީ އަހަރެންގެ ލޯބިވެރިޔާކަމަށް." ހިނިއައިސްފައި އިނދެ ރާހިން ބުންޏެވެ.

"ރާ..ހި..ން" މާނަވީ ގޮތަކަށް ރާހިންގެ ނަން ދަމާލާފައި މާޔާ ކިޔާލި އެވެ.

"ކީއްތަވީ. މާޔާ ބޭނުންވާ ހުރިހާ ޝަރުތެއް އަހަރެންގެ ހަމަނުވަނީތަ؟." ރާހިން ބުންޏެވެ.

"ބަޔަކު ހީކުރިއްޔަސް އެއީ ތެދެއްނޫން. އަނެއްކޮޅުން ކައިވެންޏަކީ މީހުންނަށް ދައްކަން ކުރާ އެއްޗެއްނޫން. ތީ އަހަރެންނަށް ކަމުދާ ޓޮޕިކެއްނޫން." މާޔާ އެހާ ގަޔާނުވިކަން އޭނާގެ މޫނުން ފާޅުވެލި އެވެ.

"ފައިން. ޖަސްޓް ކިޑިން." ރާހިންއަށް މާޔާގެ ގޮތް އެނގޭތީ ބުނެލި އެވެ. އަދި ވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް ރާހިން އަނބުރާލައިފި އެވެ.

* * * * *

އޮފީސް މޭޒު ދޮށުގައި އިޒީކިއަލް އިނީ ފޯނުން ހިލްމީއާ ވާހަކަދައްކާށެވެ. ކާފަގެ ހާލު ބަލަން ހޮސްޕިޓަލަށް އޭނާ އަންނާކަށް މަންމަ ޤަބޫލެއްނޫނެވެ. އެހެންވެ ކާފަގެ ޚަބަރު އޮޅުފިލުވަން އެތަނަށް ހިލްމީ ފޮނުވީ އެވެ.

"ސްޓޭބަލްވެއްޖެ. ނިންދަވާފައި އޮތީ." ފޯނުން ހިލްމީ ބުނި އަޑު އިޒީކިއަލް އިނީ އަހާށެވެ. އޭރު އޭނާ އިނީ މަންމަ ދިން ފޮޓޯގަނޑު ހިފަހައްޓާލައިގެންނެވެ.

"އަފްރާހަކީ ކާކުކަން އެނގިއްޖެތަ؟." ފޮޓޯގަނޑަށް ބަލަން އިނދެ އިޒީކިއަލް އަހާލި އެވެ.

"ލައްބަ. މާޖިދު ނާދޭތޯ. އޮފީހާ ދިމާއަށް އޭނާ ފޮނުވިތާ އިރުކޮޅެއްވެއްޖެ. އޭނާގެ އަތުގައި ހުރިހާ މަޢުލޫމާތެއް ހުންނާނެ." ހިލްމީ ބުންޏެވެ.

އިޒީކިއަލް ފޯނު ކޯލު ކަނޑާލިތާ ގިނައިރެއްނުވެ އެވެ. އޭނާ އިން ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިފި އެވެ. އެތެރެއަށް ވަންނަން ހުއްދަ ދިނުމުން އިޒީކިއަލްއަށް ފެނުނީ މާޖިދު ދޮރުން ވަންތަނެވެ. ހަށިގަނޑު ތެދުކޮށްލަމުން އޭނާ މާޖިދާ ކުރިމަތިލި އެވެ.

"އަޅުގަނޑު މި އައީ ފައިލް ހިފައިގެން." މާޖިދު އައިސް މޭޒުދޮށުގައި ހުއްޓިލި އެވެ. އަދި އޭނާގެ އަތުގައި އޮތް އޭފޯ ސިޓީއުރަ އިޒީކިއަލްއަށް ދިއްކޮށްލި އެވެ.

"ހިލްމީ ބުނި." ސިޓީއުރައިގައި ހުރި އެއްޗެއް ނަގަމުން އިޒީކިއަލް ބުންޏެވެ.

އަފްރާހުގެ މަޢުލޫމާތު ހިމެނޭ ކަރުދާސްތައް އިޒީކިއަލް ބަލަން ފެށި އެވެ. ފަންސާސް ތިން އަހަރުގެ އަފްރާހުގެ އަނތްބަކު ނެތެވެ. އާމްދަނީއެއްގެ ގޮތުގައި އޭނާ ކުރާ މަސައްކަތަކީ ބިޑަށް ތަންތަން ނަގައި އެތަންތަން ހެދުމަށްފަހު އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމެވެ. އޭނާގެ ނަމުގައި ކޮންސްޓްރަކްޝަން ކުންފުންޏެއް ވެސް ރަޖިސްޓްރީ ކުރެވިފައިވެ އެވެ. އެ ކުންފުނި ރަޖިސްޓްރީ ކުރިފަހުން އެތައް އަހަރު ވެއްޖެ އެވެ. އަފްރާހަކީ އެތައް ބަޔަކަށް އޮޅުވާލައި މީހުން އަތުން ފައިސާ ނަގާފައިވާ މީހެކެވެ. ފައިސާއާ ބެހޭ ދެ މައްސަލައެއް ކޯޓުގައި ވެސް އެބައޮތެވެ. މާލޭގައި ހަރަކާތްތެރިވާ "ގޭންގު" ތަކުން ގޭންގަކާއި އޭނާއާ ގުޅުން އޮންނަ ކަމުގައި ވެސް ބެލެވެ އެވެ.

"ސޫޒަންއާ މީނައާ އެއްވެސް ގުޅުމެއްވޭތަ؟." ހުރިހާ ކަރުދާސްތަކެއްގައިވީ މަޢުލޫމާތުތައް ބެލުމުގެ ބަދަލުގައި އިޒީކިއަލް އަހާލި އެވެ. އެއާއެކު މާޖިދު ވާހަކަދެއްކި އެވެ.

"ލައްބަ. ހޯދިހޯދުމުން އެނގުނީ އަފްރާހަކީ ސޫޒަންގެ ބައްޕަކަން." މާޖިދު ބުންޏެވެ.

"ދެން ކޮންކަމެއް؟." އިޒީކިއަލް އަހާލި އެވެ.

"ސޫޒަންއާ އަފްރާހުގެ ގުޅުން ރަނގަޅު. އެމީހުން އެކަކުއަނެކަކާ ކޮންޓެކްޓް ކުރޭ." މާޖިދު ބުންޏެވެ.

"ސޫޒަން ގެނައީ ފެމެލީއިން އެކަމަށް ޤަބޫލުވެގެން. އަފްރާހަކީ އޭނާގެ ބައްޕައޭ ތިބުނީ. ސޫޒަން އޭނާގެ ބައްޕައާ ކޮންޓެކްޓް ކުރުމަކީ މަންމައާއި ކާފަ އޭނާއާ މެދު ނުރުހޭނެ ސަބަބެއްނޫން. ކޮންމެވެސް އެހެންކަމެއް އޮތީ... ސޫޒަންއަށް ކަމެއް ކުރެވުނީތަ؟. އަހަރެންނަށް އިތުރަށް އެނގެން ޖެހޭ ކަމަކީ ކޮބާ؟." މާޖިދަށް ބަލަން އިނދެ އިޒީކިއަލް ވާހަކަދެއްކި އެވެ. މާޖިދުގެ މޫނުމަތިން ޖެހިލުންވުން ފާޅުވެލި އެވެ. އިޒީކިއަލް ނުރުހޭ އެއްޗެއް ބުނެވިދާނޭ އޭނާއަށް ހީވަނީ އެވެ.

"ބުނޭ... ސޫޒަން އަހަރެންނަށް ނޭނގި ކަމެއް ކުރީތަ؟. އޭނާ އަހަރެމެންގެ ފުރަގަހުގައި އޭނާގެ ޢާއިލާއަށް އެހީވަނީތަ؟. އޭނާގެ ބައްޕައަކީ އުޅުމެއްހުރި މީހެއްނޫން. ފައިސާއަށް ދަހިވެތި މީހެއް. އެކަމަކު އެއީ ވެސް އަހަރެންގެ ނަޒަރުގައި ބޮޑު ކުށެއްނޫން." އިޒީކިއަލް ވިސްނަމުން ވާހަކަދެއްކި އެވެ. ދެ އުޅަންބޮށިކޮޅު މޭޒުގައި ވިއްދާލުމާއެކު ދެ އަތްތިލަ ޖޯޑުކޮށްލައި ތުންފަތާ ކައިރިކޮށްލައިގެން އިޒީކިއަލް އިނީ މާޖިދުގެ ޖަވާބެއްގެ އިންތިޒާރުގަ އެވެ.

"އަޅުގަނޑަށް ފެންނަނީ ތި ކަރުދާސްތައް ސަރ ބަލާލަން. ހުރިހާ ތަފްޞީލެއްހެން އޭގައި ހުންނާނެ." ހިސާބަކަށް މާޖިދު ހާސްވީ އެވެ.

"އަހަރެން ސުވާލު މިކުރީ މާޖިދާ. އެހެންވީމަ ކިޔާދީބަލަ." އިޒީކިއަލް ބުންޏެވެ.

"މީ... ސަރ... އަސްލު... މީ..." މާޖިދަށް ވާހަކަ ފަށަން އުނދަގޫވީ އެވެ.

"މީ މީ ނުކިޔާ ބުނެބަލަ." އިޒީކިއަލްއަށް ދެބުމަ ކައިރިކޮށްލެވުނެވެ.

"ސަރގެ ބައްޕައާއި މާމަގެ މަރާ ސޫޒަންއާ ގުޅުމެއްވާކަމަށް ވަނީ." މާޖިދު ބުންޏެވެ. އެއާއެކު އިޒީކިއަލްއަށް އިށީނދެއެއް ނީނދެވުނެވެ. މޭޒުމަތީ ދެ އަތުން ޖަހަމުން އޭނާ ކުއްލިއަކަށް ތެދުވި މާޖިދަށް ބަލާލީ ނުރައްކާތެރި ބެލުމަކުންނެވެ.

"އަދި އެއްފަހަރު ބުނެބަލަ... ތި ދައްކާ ވާހަކައިގައި ޒައްރެއްގެ މިންވަރު ވެސް ދޮގެއްވާނަމަ ހަނދާންކުރާތި. އަހަރެންނާ ހަމައަށް ހަޤީޤަތެއްނެތް އެއްވެސް ވާހަކައެއް ގެނެސްގެން ނުވާނެ." ހަރުކަށިކަމާއެކު އިޒީކިއަލް ބުންޏެވެ.

"ދޮގެއްނޫން މީ. އަފްރާހަކީ މަކަރުވެރި މީހެއްކަން އެތައް ބަޔަކަށް އެނގޭނެ. އެއީ ހަސީލަތް ނުބައި މީހެއް." މާޖިދުގެ ވާހަކަ އިޒީކިއަލް މެދުކަނޑާލި އެވެ.

"ބުނަން ތިއުޅެނީ ސޫޒަންއަކީ ވެސް އެކަހަލަ ނުބައި މީހެކޭތަ؟." އިޒީކިއަލް އިތުރަށް ހިތްހަމަނުޖެހުނު ކަހަލަ އެވެ.

"އެއްގޮތަކަށް ވެސް އެހެނެއްނޫން. ސަރ... ދައްކަން މިއުޅެނީ ކުންފުނީގެ ހެޑަކަށް އިމްރާނު ސަރ ހުންނެވި ދުވަސްވަރުގެ ވާހަކައެއް. ދިހަ މިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓަކާއި ކުންފުނިން އޭރު ހަވާލުވި. އެހެންނަމަވެސް އެ މަސައްކަތް ފެށިތަނާ ޑޭޓާތަކެއް ލީކްވެގެން އެ ޕްރޮޖެކްޓް ވަނީ މި ކުންފުނިން ނަގައި އެހެން ބަޔަކާ ހަވާލު ކުރެވިފައި." މާޖިދުގެ ވާހަކަ އަނެއްކާ ވެސް އިޒީކިއަލް ހުއްޓުވައިފި އެވެ.

"ގެޓް ޓު ދަ ޕޮއިންޓް މާޖިދު." އިޒީކިއަލްގެ ކެތްތެރިކަމެއް ނެތެވެ.

"އިމްރާނު ސަރއާއި ސަރގެ މާމަގެ މަރުގެ ހާދިސާ ހިނގީ މިބުނި ދުވަސްކޮޅުގެ ތެރޭގައި. ކުންފުންޏަށް ފުރަތަމަ ފަހަރަށް ލޮސްއެއް ލިބިގެން ދިޔައީ އެކަމުގައި." މާޖިދު ބުންޏެވެ.

"ތި ބުނަނީ އެކަމުގައި ސޫޒަންގެ އަތެއްވެޔޭތަ؟. ތިޔަށްވުރެ ހަމަޖެހޭ ވާހަކައެއް ވާހަކައެއް ދައްކަންވެއްޖެއެއްނު. މާޖިދަށް އެނގޭތަ އޭރު ސޫޒަންގެ އުމުރުންވާނީ ކިހާވަރެއްކަން؟. އޭނާއަކަށް ބިޒްނަސްގެ ލިޔެކިޔުންތަކެއް ފެނުނަސް ނޭނގޭނެ." އިޒީކިއަލްއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

"ޤަބޫލުކުރާން ދަތިވިޔަސް ހަޤީޤަތަކީ މީ. އުމޭމާ މޭމްއާއި އިމްރާން ސަރގެ މަރުގެ ހާދިސާ ހިނގި ދުވަސްނޫން އޭގެ އަނެއްދުވަހު ޕްރޮޖެކްޓްގެ ޑޭޓާތައް ލީކްވެފައިވަނީ. އެ ޑޭޓާތައް އަފްރާހާ ހަމައަށް ސިއްރުން ގެނެސްދީފައިވަނީ ސޫޒަން." މާޖިދު ބުނީ ފިސާރި ޔަޤީންކަމާއެކު އެވެ.

"ނޯވޭ." ޤަބޫލުކުރާން ދަތިވެގެން އިޒީކިއަލްއަށް ބުނެވުނެވެ. ނިތްކުރިއާއި ބޮލުގައި ދެ އަތްތިލަ ހާކާލުމާއެކު އިޒީކިއަލް ފުންނޭވާއެއް ބޭރުކޮށްލި އެވެ. އަދި މާޖިދަށް ބަލާލާފައި އަނެއްކާ ވެސް އޭނާ ވާހަކަދެއްކި އެވެ.

"އަހަރެންނަށް ޤަބޫލެއް ނުކުރެވޭ. ސޫޒަން ބޮޑުވީ އަހަރެމެންގެ ގޭތެރޭގައި. އޭނާއަށް އުނިވާކަމެއް ނެތް. އެންމެން ވެސް އޭނާދެކެ އުޅެނީ ނުލާހިކު ލޯބިން. މިވަރުގެ ކަމެއް އޭނާ ކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. އެހެންނޫނަސް އޭނާއަށް އެކަމުން ވާނީ ކޮންފައިދާއެއް؟." އިޒީކިއަލްއަށް މިހެންބުނީ މާޔޫސްވެފައި ހުރެ އެވެ.

"ސަރ. އަޅުގަނޑަށް ސީދާ ލޮލުން ނުފެންނަކަމެއްގައި ޔަޤީންކަން ދޭކަށް ނުވާނެކަން އެނގޭ. އެހެންވިޔަސް ބުނެލަން ބޭނުން. އަފްރާހަށް ކުއްލި ތަނަވަސްކަމެއް ލިބި ކުންފުންޏެއް ހުޅުވައި ހެދީ އެ ޕްރޮޖެކްޓުން. ހަމަ އެއް ދުވަސްކޮޅެއްގައި. މިހުރިހާ ކަމެއް އިއްތިފާގަކަށް ވާނޭ ގޮތެއް ނޯންނާނެ. އަނެއްކޮޅުން ހާދިސާ ހިނގި ދުވަހު ގޭގައި ތިބީ ހަމައެކަނި އުމޭމާ މޭމްއާއި ސޫޒަންގެ އިތުރުން ގޭގައި ގެންގުޅޭ މީހުން. އެ ދުވަހު މެންދުރުފަހު ދޭއް ޖަހާކަން ހާއިރު ސޫޒަންވަނީ އަފްރާހު ގެއަށް ގެނެސްފައި. އަދި އަފްރާހު އެނބުރި ދިޔައީ އެ ދުވަހު ހަވީރު ހަތަރެއް ޖެހިފަހުން. އިމްރާން ސަރ މަސައްކަތްކުރާ ސްޓަޑީގައި އަލިފާން ހިފައި ގޭތެރެއަށް ހުޅުގަނޑު ފެތުރިގަތީ އެ ދުވަހު ހަވީރު ފަހެއްޖެހިއިރު. އަލިފާންގަނޑު ނިވާނުލެވިގެން އުޅެނިކޮށް އާސިފް ސަރާއާއެކު ޢާއިލާގެ އެހެން މެންބަރުންނަށް ގެއަށް އާދެވުނީ. އުމޭމާ މޭމް ސަލާމަތްކުރާން ވަނުމުގެ ސަބަބުން އިމްރާނު ސަރގެ ފުރާނަ ދިޔައީ." މާޖިދު އިތުރަށް ތަފްޞީލު ދިނެވެ.

"ކޮބާ ހެކި؟... މިހާ ދުވަސްވީރު އަހަރެންނަށް ވެސް ނޭނގޭ. ހެއްކެތް އޮތްނަމަ އަހަރެންނަށް ވެސް އެނގުނީސް." އިޒީކިއަލް ބުންޏެވެ.

"އޭރު ސަރ ވެސް ތީ ކުޑަކުއްޖެއް. އެ ހާދިސާގެ ހުރިހާކަމެއް ގާތުން ބަލައި ތަހުގީގުކުރީ އާސިފް ސަރ އަމިއްލައަށް އިންވޯލްވެ ހުރެ. އެހެންވެ އެ ހުރިހާ ހެއްކެތް ވެސް ހުރީ އާސިފް ސަރގެ އަތުގައި ރައްކާކުރެވިފައި. އަދި އެ ހާދިސާއާ ބެހޭގޮތުން އެއްވެސް މީހަކު ވާހަކަދެއްކުން ވެސް އާސިފް ސަރ މަނާކުރީ. ސަރ... މިހުރިހާ ކަމެއް ހިނގައިދިޔަ ވަގުތާމެދު ވިސްނާލުމުން ވެސް އެނގިލައްވާނެ. ސޫޒަން ގޭގައި ނުބަހައްޓަން އާސިފް ސަރ ނިންމެވީ އެ ހާދިސާއަށްފަހު. ސޫޒަންއާ ހުރިހާ ގުޅުމެއް ކަނޑާލައި ސަރއާ މީޓުނުކުރެވޭ ގޮތަށް ފޮނުވާލީ ވެސް އާސިފް ސަރ." މާޖިދު ބުންޏެވެ.

"ދެން ހެޔޮ." އިޒީކިއަލްއަށް ބުނެވުނެވެ. އަދި އޭނާ ގޮނޑިއަށް ވެއްޓިގަތެވެ. ބޯހާސްވެފައިވާ މީހަކު ފަދައިން ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އިރުކޮޅު އިނދެފައި ވާހަކަދެއްކި އެވެ.

"ތިބުނާހެން ވެފައި އޮތްނަމަ ސޫޒަންއާ މެދު ކާފަގެ ނުރުހުން ހައްޤު... އެކަމަކު... ކީއްވެބާ އެކަކު ވެސް އަހަރެން ކައިރީ އެ ހަޤީޤަތް ނުބުނީ... މާޖިދު. މި ލިޔުންތަކުގައި އިތުރު ކަމެއް އެބައޮތްތަ އަދި އަހަރެންނަށް އެނގެން ޖެހޭ." މާޒީގެ ޚިޔާލުތަކަށް ގެއްލެމުންދިޔަ އިޒީކިއަލްއަށް ބުނެވުނެވެ. ކުއްލިއަކަށް އިޒީކިއަލްގެ ދެ ލޯ ބޮޑުކޮށްލެވުނީ އޭނާއަށް ކަމެއް ހަނދާންވުމުންނެވެ. މާޒީގެ ތެރެއިން އެ ދުވަހު ކަންތައް ހިނގައި ދިޔަ ގޮތެވެ.

އިޒީކިއަލްގެ ހަނދާނަށް އައެވެ. މާޖިދު އެބުނާ ދުވަހެވެ. ކާފަގެ އެދުމުގެ މަތިން މަންމައާއި ބައްޕައާއެކީ ބޭރަށް އޭނާ ދާން ހަމަޖެހުނެވެ. އިޒީކިއަލްއަށް ދާން ޖެހުނީ މަންމަމެން އޭނާ ގެންދަން ބޭނުންވާތީ އެވެ. އެ ދުވަހު ސޫޒަން އޭނާ ހޯދަމުން އައިސް ކިޔަވަން އިންނަ ކޮޓަރިއަށް ވަނެވެ. އޭނާ އިޒީކިއަލް ހޯދަން އައީ އެ ޢާއިލާ އެއްކޮށް ބޭރަށް ދާން އުޅޭކަމުގެ ޚަބަރު ލިބިގެން އެކަން ޔަޤީން ކުރާށެވެ. ސޫޒަން އެކަނި ގޭގައި ބަހައްޓާފައި ދާން އުޅޭތީ އެކަމާ އޭނާ އިޒީކިއަލް ގާތު ޝަކުވާ ވެސް ކުރި އެވެ. ގޭގައި މާމަ އުޅޭނެކަން އިޒީކިއަލް ބުނީ ސޫޒަން އެކަންޏެއް ނުވާނޭކަން ވިސްނާދޭށެވެ.

"މާމައަކަށް ނޭނގޭނެ ސޫޒީއާއެކީ އުޅޭކަށް." މޫނަށް ގޮތެއް ހަދާލަމުން އެ ދުވަހު ސޫޒަން ބުންޏެވެ.

"ގިނައިރެއްނުވެ އަންނާނަމޭ. އޭރުން ސޫޒީ ފޫހިވާކަށް ނުޖެހޭނެ އެއްނު. އެހާއިރު ސޫޒީ ބޭނުމިއްޔާ އައިގެ ރޫމްގަ ގޭމްކުޅެލަން އިންނަންވީނު." އިޒީކިއަލް ބުންޏެވެ.

"އުހުނ!... ސޫޒީގެ އަންކަލްއަށް ގުޅާނީ. އިޒީ... ވިލް ޔޫ ހެލް ޕީ. ސޫޒީގެ އަންކަލް މިގެއަށް އައިކަން އެކަކަށް ވެސް އެނގިއްޖެއްޔާ އެންމެން ވަރަށް ރުޅި އަންނާނެ. އަސްލު ސޫޒީއާ އަންކަލް ވަރަށް ކްލޯޒް. އެއީ ސޫޒީގެ ހަމައެކަނި ފެމެލީ ދޯ. އެކަމަކު މަންމަ ވަރަށް ރުޅި އަންނާނެ. މަންމަ އެއްވެސް ވަރަކަށް ޤަބޫލެއްނުވާނެ އަންކަލް އަންނާކަށް. މާމައާއެކީ ސޫޒީ މިގެއަށް އައިފަހުން އަދި އެއްފަހަރު ވެސް އަންކަލްއާ މީޓުނުވޭ. ސޫޒީއަކަށް ނުކެރޭނެ އަންކަލް މިގެއަށް ވައްދާކަށް. އެކަމަކު އިޒީ އެކަން ކޮށްދޭންވީނު. އެއްވެސް މީހަކަށް ނޭނގޭނޭހެން. އިޓްސް ގޮއިން ޓު ބީ އަވަރ ސީކްރެޓް." އެގާރަ އަހަރުގެ ސޫޒަން ބުންޏެވެ.

"އެކަމަކު... ސޫޒީ... އެއީ ބޮޑުމީހެއްނު. ރަނގަޅު މީހެއްނޫންވީމަ މަންމަ ރުޅި އަންނާނީ." ސޫޒަންއަށްވުރެ ހަތަރު އަހަރު ދޮށީ އިޒީކިއަލްއަށް ވިސްނާލެވުނެވެ.

"ބަޓް އައި މިސް ހިމް. އިޒީ... އަންކަލްއާ ފޯނުން ވެސް ވާހަކަދައްކަން ޗާންސެއްނުލިބޭ. އިޒީއަށް އެނގޭނެ ގޭގަ ހުންނަ ފޯނުގައި އަތްލުން މަނާކޮށްފައިކަން އޮންނަނީ. އިޒީއަށް މިވަރު ކަމެއް ނުކޮށްދެވޭނެތަ؟. އިޒީމެން ފެމެލީ އަންނަންވާއިރަށް ސޫޒީ އަންކަލްއާ މީޓުކޮށްފައި ފޮނުވާލާނަން މިގެއިން. އޭރު އެކަކަށް ވެސް ނޭނގޭނެއެއްނު. ޕްލީޒް އިޒީ." އާދޭހާއެކު ސޫޒަންގެ ދެ ލޮލަށް ކަރުނަ ޖަމާވާންފެށި އެވެ. އިޒީކިއަލްއަށް ބަލަން އުނދަގޫ މަންޒަރަކަށް ސޫޒަން ރޯތަންވި އެވެ.

"އެންމެ ރަނގަޅު." ސޫޒަންއަށް ޓަކައި އިޒީކިއަލް އެއްބަސްވީ އެވެ.

ގޭގައި ގެންގުޅޭ މީހުންނަށް ނޭނގި ގެއަށް މީހަކަށް ނުވަދެވޭނެ އެވެ. އެހެންވެ އިޒީކިއަލް އައިސް ގޭގައި ގެންގުޅޭ ކުއްޖަކަށް ސާފު އިރުޝާދު ދިނެވެ. މެންދުރުފަހު މީހަކު އަންނާނޭ ކަމެވެ. ސޫޒަންއަށް އެމީހާ ވަކިކުރަން އެނގޭނޭ ކަމެވެ. އަދި އެކަމުގެ ވާހަކަ އެކަކު ކައިރީ ވެސް ނުދެއްކުމަށް އިޒީކިއަލް ގެންގުޅޭ ކުއްޖާއަށް އަމުރު ކުރި އެވެ. ގެންގުޅޭކުއްޖާ ކުޑަކޮށް ދެކޮޅު ހަދާލީ އާސިފުގެ އަންހެނުން އުމޭމާއަށް އެނގިދާނެތީ އެވެ. ގޭގެ ވެރީންނަށް އެމީހުންވާއިރު އާސިފާއި އުމޭމާ ވެސް އޮތީ ސޫޒަންއާ ބައްދަލު ކުރާން އެއްވެސް މީހަކު އަޔަށް އެގެއަށް ނުވައްދަން ބުނެފަ އެވެ. ނަމަވެސް އިޒީކިއަލް ބުނީ އެއީ އޭނާގެ ކަމެއްގައި އަންނަ މީހެއް ކަމުގަ އެވެ.

"ޔޫ އާ ދަ ބެސްޓް އިޒީ." އިޒީކިއަލް އެނބުރި އައުމުން ސޫޒަންގެ ފުށުން ފާޅުވީ ފުޅާ ހިނިތުންވުމެކެވެ. ފުރާވަރުގެ އުމުރުގައި އިޒީކިއަލްގެ ހިތް ސޫޒަން ބަލައިގެންފި އެވެ.

ކުއްލިއަކަށް އޮފީސް މޭޒު ދޮށުން އިޒީކިއަލްއަށް ތެދުވެވުނެވެ. ހަނދާނުގެ ތެރެއިން އާވެގެން އައި މާޒީގެ މަންޒަރުތަކުގެ ސަބަބުންނެވެ. ބިރުގެންފައިވާ ފަދަ އަސަރެއް އިޒީކިއަލްގެ ލޮލުން ފާޅުވޭވޭ ހުއްޓެވެ. އޭނާއަށް މޭޒުގައި ދެ އަތް ވިއްދާލެވުމާއެކު ކުރިޔަށް ގުދުވެލެވުނެވެ.

"އެ ދުވަހު... އެ ދުވަހު އަހަރެން އޭނާ ގެއަށް ވެއްދީ... ސޫޒީއަށް ޓަކައި... އެއީ ހަމަ މީނަ... މި އަފްރާހު. ސޫޒީ. މިވީ ގޮތެއް އޮޅުންފިލުވާނަން. ސޫޒަންއާ ސުވާލު ކޮށްގެން ނޫނީ ނޭނގޭނެ." އިޒީކިއަލްއަށް ބުނެވުނެވެ. އެތަނުގައި މާޖިދު ހުރިކަން ވެސް އޭނާ ހަނދާންނެތުނު ކަހަލަ އެވެ. ހަލުވިފިޔަވަޅުގައި އޭނާ ހިނގައިގަތީ އެތަނުން ނުކުންނާށެވެ. ސޫޒަންއާ ވާހަކަދައްކަން ގެއަށް ދިއުމަށް ޓަކައެވެ.

(ނުނިމޭ)