އާދަމް އާޒިމް

ޕާކިން މައްސަލަ އޮތީ ހައްލުކުރަން އުނދަގޫވާ ހިސާބުގައި: އާޒިމް

މާލޭ ސަރަހައްދުގައި ޕާކިންގެ މައްސަލަ އޮތީ ހައްލުކުރަން އުނދަގޫ ހިސާބުގައި ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ލޮނުޒިޔާރަތް ޕާކުގައި ރޭ މާލޭގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުު މޭޔަރު ވިދާޅުވީ މާލެ ސަރަހައްދުގައި ޕާކިން މައްސަލަތައް އޮތީ ހައްލު ހޯދަން ގޮންޖެހިފައިވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން މޭޔަރު ވިދާޅުވީ ދުއްވާތަކެތި ގެންގުޅެވޭނެ އުމުރާއި އަދަދު ކަނޑައެޅުމަށް އުސޫލެއް ހަދަމުންދާ ކަމަށެވެ.

މޭޔަރު ވަނީ ހުޅުމާލޭގެ ފޭސް އެކެއް، ދޭއް އަދި ތިނެއްގައިވެސް ޕާކިންއަށް ހާއްސަަ ބިންތަކެއް ކަނޑައަޅާފައި ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"އެހެންވެ ހުޅުމާލޭގެ ހުރިހާ ފޭސް އެއެއްގައިވެސް ޕާކިންއަށް ހާއްސަ ޖާގަތަކެއް ކަނޑައެޅުމަށް ސަރުކާރަށް ގޮވާލަން،" މޭޔަރު ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ގުޅިފަޅާއި ގިރަވާރުފަޅު ތަރައްގީކުރާއިރު އެކަށީގެންވާ ބިންތަކެއް ޕާކިންއަށް ހާއްސަކުރުމަށްޓަކައި ޕްލޭންގައި އެ ބައި މިހާރުވެސް ހިމަނަންޖެހޭ ކަމަށެވެ.

މާލޭ ސަރަހައްދުގައި ޕާކިންގެ މައްސަލަ ބޮޑުވެފައިވާއިރު އެއްގަމު އުޅަނދުތައް ދުވާރުމަތީގައި ޕާކް ކުރާތީ އެ މައްސަލަ ހައްލުކުރުމަށްޓަކައި ބޮލާޑް ނުވަތަ ދަގަނޑު ޖެހުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ވަނީ ފަށާފަ އެވެ. އަދި ބައެއް ޕާކިން ސަރަހައްދުތައްވެސް ކަނޑައަޅާފައިވެ އެވެ.