ފިނޭންސް މިނިސްޓްރީ

ކުވައިތު ފަންޑުން 9.8 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ

ރާއްޖޭގެ ކުދި ރަށްތަކުގައި ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށް "ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑެވެލޮޕްމަންޓް" އިން ތިން މިލިއަން ކުވައިތު ދީނާރު ނުވަތަ 9.8 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެވެ. ކުވައިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ފަންޑުގެ އެކްޓިން ޑިރެކްޓާ ޖެނެރަލް ވަލީދް އަލް ބަހަރް އެވެ.

މިނިސްޓްރީން ބުނީ މިއީ ސަރުކާރުން އެކުލަވާލި "ސްމޯލް އައިލެންޑްސް ހޮސްޕިޓަލްސް ޕްރޮޖެކްޓް" ހިންގުމަށް ނެގި ލޯނެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ޒަރޫރީ ސިއްހީ ހިދުމަތްތައް ކުދި ރަށްތަކުގައި ވެސް ފޯރުކޮށްދީ، ސިއްހީ ނިޒާމުގެ ފެންވަރު ރަނގަޅުވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއުގެ ސަބަބުން ސިއްހީ ހިދުމަތްތައް ހޯދުމަށް ދަތުރުފަތުރަށް ކުރަންޖެހޭ ހަރަދު ކުޑަވެ، ސިއްހީ ދާއިރާގައި ލާމަރުކަޒީ ނިޒާމު ގާއިމުކުރެވިގެންދާނެ ކަމަށް މިނސްޓްރީން ބުނެ އެވެ.

މިގޮތުން ތަރައްގީކުރާ ހޮސްޕިޓަލްތަކުގައި ސިވިލް މަސައްކަތްތަކާއި، ހޮސްޕިޓަލް އިމާރާތުގެ އަދި ހިދުމަތްތަކާ ގުޅޭ އިލެކްޓްރޯ-ޓެކްނިކަލް މަސައްކަތްތަކާއި، ބޭނުންވާ މެޑިކަލް ސާމާނު، ފަރުނީޗަރު އަދި ބޭނުންވާ އެންމެހާ އިންޖީނިއަރިން ހިދުމަތްތައްވެސް ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ކުވައިތު ފަންޑުން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް އެކި ފަހަރު މަތިން ލޯނު ދޫކޮށް، މާލީ ގޮތުން އެހީތެރިކަން ފޯރުކޯށްދީފަ އެވެ.