އަހުމަދު މުނައްވަރު

ގަވަރުނަރަކަށް މުނައްވަރު އައްޔަންކުރަން ފާސްކޮށްފި

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަންކުރުމަށް ރުހުން ދިނުމާ މެދު މެންބަރުން ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދޭން ހުޅުވާލުމުން އެ މަގާމަށް މުނައްވަރު އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ އިއްތިފާގުންނެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް މިމަހުގެ 22 ވަނަ ދުވަހު ވަކިކުރައްވައި އެ މަގާމަށް މުނައްވަރު އައްޔަންކުރަން މަޖިލީހުގެ ލަފައަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު އެދިވަޑައިގަތުމާ ގުޅިގެން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

މާލިއްޔަތު ކޮމިޓީން ވެސް އޮތީ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް މުނައްވަރަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.

މުނައްވަރު މިއަދާ ހަމައަށް މިސަރުކާރުގައި ހުންނެވީ އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފިނޭންސްގެ މަގާމުގައެވެ.

މުނައްވަރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.